ޣައިރު ގާނޫނީ ޔަހޫދީ ދައުލަތުން ދުނިޔޭގެ ހަމަޖެހުން ނަގާލުމަށް ހިންގަމުން އަންނަ އަމަލުތައް ހުއްޓުވައި، އެ ދައުލަތާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.
ދިވެހިރާއްޖޭން މިކަމަށް ގޮވާލީ އދ. ގެ ހިޔުމަން ރައިޓްސް ކައުންސިލްގެ 61 ވަނަ ބައްދަލުވުމުގައި އިއްވި ބަޔާނުގައެވެ. ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އިއްވެވި މި ބަޔާނުގައި، ދުނިޔޭގައި ހަމަޖެހުން ގާއިމުކުރުމަށް ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ޑރ. ސަލްމާގެ ވާހަކަފުޅުގައި، ހުރިހާ އިންސާނީ ހައްގަކީ އެއް ހައްގު އަނެއް ހައްގާ ގުޅިލާމެހިފައިވާ، ކޮންމެ އިންސާނަކާވެސް ގުޅިފައިވާ ހައްގެއް ކަމަށް ވިއެނާ ޑިކްލަރޭޝަންގައި ބަޔާންކޮށްފައިވާ ކަން ފާހަގަކުރެއްވިއެވެ. އަދި އެ އުސޫލުތަކަށް ރާއްޖޭން އަބަދުވެސް ފުރިހަމައަށް ތާއީދުކުރާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
މީގެ އިތުރުން، ދުނިޔޭގެ ހަމަޖެހުން ނަގާލަން ޔަހޫދީން ހިންގަމުންދާ އަމަލުތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ހުރިހާ ގައުމުތަކަށް ރާއްޖޭގެ ފަރާތުން ވަނީ އިލްތިމާސްކޮށްފައެވެ.
ޔަހޫދީންގެ އުދުވާނުތަކުގެ ސަބަބުން މެދުއިރުމަތީގެ ހަމަޖެހުން މުޅިން ގެއްލިފައިވާކަން ފާހަގަކުރައްވަމުން، ފަލަސްތީނާއި، ލުބުނާނާއި، ސީރިއާގެ އިތުރުން ޔަމަނާއި އީރާނުގެ ސަރަހައްދުތަކަށް މިހާރުވެސް ޔަހޫދީން ހަމަލާތައް ދެމުންދާކަން ބަޔާނުގައި ފާހަގަކުރެއްވިއެވެ.
މި ހަމަލާތަކުގެ ސަބަބުން އެތައް މިލިއަން ބަޔަކު ނުރައްކަލަށް ހުށަހެޅިފައިވާއިރު، ރާއްޖެއިން އަބަދުވެސް އަންނަނީ ޔަހޫދީންގެ މިފަދަ ލާއިންސާނީ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުންނެވެ.

