އިއްޔެ އަވަހާރަވި ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު، އަބްދުއްޝަކޫރު އަބްދުﷲ ގެ ހަށިގަނޑު ރާއްޖެ ގެނެސް، މިއަދު އަސުރު ނަމާދަށް ފަހު ކަށުނަމާދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އުމުރުން 75 އަހަރުގައި ޝަކޫރު އަވަހާރަވީ ކެންސަރު ބައްޔަށް އިންޑިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.
އެނގިފައިވާ ގޮތުގައި ޝަކޫރުގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ކަށުނަމާދު ޕޭޖުގައިވާ ގޮތުން ޝަކޫރުގެ ކަށުނަމާދު މިއަދު އަސުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ. އަދި މައްޔިތާއަށް ޒިޔާރަތްކުރުން މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ކުރިއަށްދާނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ފުލުހުންގެ ހިދުމަތުގައި 43 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވުމަށްފަހު ޝަކޫރު ރިޓަޔާކުރެއްވީ 2009 ވަނަ އަހަރުގެ މާޗު މަހުގެ ފަސް ވަނަ ދުވަހުއެވެ. ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ އަކީ، ސިފައިންގެ ތަފާތު ރޭންކުތަކުގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އެގޮތުން ސިފައިންގެ މީހެއްގެ ވަޒީފާއިން ފެށިގެން، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ލެފްޓިނަންޓް ކާނަލް ކަމުގެ ރޭންކާ ހަމައަށް އޭނާ ވަނީ ޚިދުމަތް ކުރައްވާފައެވެ.
ސިފައިންގެ ޚިދުމަތުގައި ޢަބްދުއްޝަކޫރު ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިން ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ހަމަލައިގެ ތަޙުޤީޤުގައި އަދާކުރެއްވި ދައުރު ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ. އޭނާ ސިފައިންގޭގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައި ވަނީ ތަޙުޤީޤީ އިދާރާގައެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އުފެއްދެވުމާ ގުޅިގެން، ޢަބްދުއްޝަކޫރު ހަމަޖެއްސެވީ ސީނިއަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ ރޭންކަށެވެ. ފުލުހުންގެ ޚިދުމަތުގައި އޭނާ ވަނީ ފުލުހުންގެ ޕްރޮމޯޝަން ބޯޑުގެ ޗެއަރމަން ކަމާއި، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހެޑް ކަމާއި، ޑިސިޕްލިނަރީ ބޯޑުގެ ވައިސް ޗެއަރމަންކަންވެސް ކުރައްވާފައެވެ.
ޢަބްދުއްޝަކޫރު ޢަބްދުﷲ ޤައުމަށް ކޮށްދެއްވި އިޚުލާޞްތެރި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، އަށް ކުލައާއި އަށް މެޑެލް ވަނީ ލިބިވަޑައިގެންފައެވެ. މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ މެޑެލް، މަތިވެރި ޚިދުމަތުގެ މެޑެލް، 3 ނޮވެންބަރުގެ މެޑެލް އަދި ސުނާމީ ކާރިސާގެ މެޑެލް ފަދަ ޝަރަފުވެރި މެޑެލްތައް ހިމެނެއެވެ.

