މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރުގެ ރަމަޟާން މަހު ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ޢުމްރާވެރިންގެ ފުރަތަމަ ގްރޫޕް މިއަދު ރާއްޖެ އައިސްފިއެވެ. މި ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވަނީ މިއަދު ހެނދުނު 09:30 ހާއިރުގައެވެ.
ޙައްޖު ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ރަމަޟާން މަހުގެ އަޅުކަން ނިންމުމަށްފަހު މިއަދު ދެ ފްލައިޓެއްގައި ޢުމްރާވެރިން އެނބުރި ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން މިއަދު ހެނދުނު އައި ފުރަތަމަ ފްލައިޓުގައި 58 ޢުމްރާވެރިން ހިމެނޭއިރު، ދެވަނަ ފްލައިޓުގައި 60 މީހުން ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ޙައްޖު ކޯޕަރޭޝަނުން ވަނީ ދެ ގްރޫޕަކަށް ބަހާލައިގެން މީހުން ޢުމްރާއަށް ގެންގޮސްފައެވެ. އެގޮތުން މުޅި ރަމަޟާން މަހުގެ ޢުމްރާއަށް އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށުން 230 މީހުން މައްކާއަށް ދިޔައިރު، ޖުމްލަ ގޮތެއްގައި 600 އަށްވުރެ ގިނަ މީހުން އެ ކޯޕަރޭޝަންގެ އެހީތެރިކަމާއެކު މިއަހަރު ޢުމްރާގެ އަޅުކަން އަދާކޮށްފައިވެއެވެ.
މީގެއިތުރުން، އަމިއްލަ ގްރޫޕަކުން ޢުމްރާއަށް ގެންދާނެ ކަމަށް ބުނެ ފައިސާ ނެގުމަށްފަހު މަކަރު ހެދި މައްސަލާގައި ހާލުގައި ޖެހުނު 160 އަށްވުރެ ގިނަ ޢުމްރާވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ވެސް ޙައްޖު ކޯޕަރޭޝަނުން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން އޭގެ ތެރެއިން 40 އަށްވުރެ ގިނަ ފަރާތަކަށް ޢުމްރާގެ ކަންކަން ހަމަޖައްސައިދީފައިވަނީ ސީދާ އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށުންނެވެ.
ޙައްޖު ކޯޕަރޭޝަނުން ބުނީ ރަމަޟާން މަހުގެ ޢުމްރާގެ އަޅުކަން ނިންމުމަށްފަހު ބާކީ ތިބި ޢުމްރާވެރިން ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެ އަންނާނެ ކަމަށެވެ.

