ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ތުއްތުކުދިން ފޮސްޓަރކުރާ އާއިލާތަކަށް ވިހެމުން ލިބޭ ފަދަ ޚާއްސަ ޗުއްޓީއެއް ލިބޭނެ އިންތިޒާމް އަންނަ މަހު ހަމަޖެހިގެންދާނެކަމަށް އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ވަޒީރު ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އާއިލާތަކާ ޙަވާލުކުރުން ނުވަތަ ފޮސްޓަރކުރުމުގެ މަރުހަލާ ކުރިން އޮތްގޮތުން ވަރަށް ދިގުލައިގެންދާ ކަމަށެވެ. އެހެންކަމުން، އެކަމަށް ޝައުގުވެރިވާ އާއިލާތަކަށް ލުއިތަކެއް ހޯދައިދިނުމަށް “ޓެމްޕަރަރީ ފޮސްޓަރިން” ގެ ނަމުގައި އައު އުސޫލުތަކެއް މިހާރު ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، މާލީގޮތުން ދަތިކަން ހުރި އާއިލާތަކަށް ކޮންމެ ކުއްޖަކަށް މަހަކު 5000 ރުފިޔާގެ އެލަވަންސްއެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.
ފޮސްޓަރކުރާ ކުދިންގެ ތެރޭގައި ވަރަށް ތުއްތުކުދިން ހިމެނޭއިރު، ވަޒީފާގައި އުޅެމުން އެކުދިންނަށް ވަގުތު ދިނުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ސިވިލް ސަރވިސްއާ މަޝްވަރާކުރެވި، އަންނަ އޭޕްރީލް މަހުން ފެށިގެން ފޮސްޓަރކުރާ ފަރާތްތަކަށް ޚާއްސަ ލީވްއެއް ލިބޭނެ ކަމަށެވެ.
“އެއީ ކުދިންނާ ޙަވާލުވާން ތިބި މީހުންނަށް ލިބިގެންދާ ވަރަށް ބޮޑު ލުޔަކަށްވާނެ. އަދި ހޮސްޕިޓަލް ތެރެއިން ނޫނަސްވެސް ކުއްޖަކާ ޙަވާލުވެފައި ގާތްގުޅުމެއް އުފައްދަން، އެކުއްޖާއާއެއްކޮށް ލޯބިވެތި ގުޅުމެއް އުފެއްދުމަށް ވަގުތުތަކެއް ބޭނުންވޭ އެކުއްޖާއާއެއްކޮށް ހޭދަކުރަން.” ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން ހިންގާ “ކޮންމެ ކުއްޖަކަށް އާއިލާއެއް” ޕްރޮގްރާމްގެ ދަށުން މިހާތަނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، 17 ނޮވެމްބަރު 2023 އިން ފެށިގެން މިހާތަނަށް 111 ކުއްޖަކު އާއިލާތަކާ ޙަވާލުކުރެވިފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މި މަސައްކަތަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އަބުރުވެރި އަދި ރައްކާތެރި ދިރިއުޅުމެއް އާއިލީ މާހައުލެއްގެ ތެރެއިން ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތެއްގެ ގޮތުގައި ވަޒީރު ވަނީ ސިފަކުރައްވާފައެވެ.

