ރާއްޖޭގެ ފަސް ރަށެއްގައި އުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ޙަވާލުކޮށްފިއެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި ބަނދަރު ތަރައްޤީކުރުމާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ އިތުރުން މޫދަށް އެރޭ ސަރަޙައްދުތައް ތަރައްޤީކުރުން ހިމެނެއެވެ.
މި މަސައްކަތްތައް އެމްޓީސީސީއާ ޙަވާލުކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު އޮތީ ދަރުބާރުގޭގައި ހުންނަ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ އޮފީހުގައެވެ. މި އެއްބަސްވުންތަކުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފެވެ.
މަޝްރޫޢުތަކުގެ ތަފްޞީލް
މިއަދު ސޮއިކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ ލ. މުންޑޫ، ގދ. ހޯނޑެއްދޫ، ގއ. ނިލަންދޫ، ނ. ލަންދޫ އަދި ރ. އަނގޮޅިތީމުގެ ތަރައްޤީގެ މަސައްކަތްތަކެވެ. މި މަޝްރޫޢުތަކުގެ ދަށުން ކުރަން ނިންމާފައިވާ މައިގަނޑު މަސައްކަތްތަކަކީ:
ލ. މުންޑޫ ބަނދަރު ތަރައްޤީކުރުން:
- 243މ އެއްގަމު ތޮށި ޖެހުން
- 01 ރޭމްޕް ހެދުން
- 09 މަގު ބައްތި ހަރުކުރުން
- 1215 އަކަމީޓަރު ދުވާރު ހެދުން
- 106 މީޓަރު ރިވެޓްމަންޓް ޖެހުން
- 249 މީޓަރު ބޭރުތޮށި ޖެހުން
ގދ. ހޯނޑެއްދޫ ގޮނޑުދޮށް ޙިމާޔަތްކުރުން:
- 831މ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން
- 539މ ޖިއޯބޭގް ރިވެޓްމަންޓް ޖެހުން
- 225މ ބޮޑުހިލައިގެ ގްރޮއިން ޖެހުން
ގއ. ނިލަންދޫ ގޮނޑުދޮށް ޙިމާޔަތްކުރުން:
- 41,800 ސީބީއެމް ވެލި ބެކްފިލް އަދި ބީޗް ފިލް ކުރުން
- 533މ ބޮޑުހިލަ ރިވެޓްމަންޓު ޖެހުން
- 145މ ބޮޑުހިލަ ގްރޮއިން ޖެހުން
ނ. ލަންދޫ ގޮނޑުދޮށް ޙިމާޔަތް ކުރުމާއި މޫދަށް އެރޭ ސަރަޙައްދާއި ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުން:
- 320މ ބޮޑުހިލަ ބޭރުތޮށި ޖެހުން
- 290މ ގްރޮއީން ޖެހުން
- 01 މޫދަށް އެރޭ ސަރަޙައްދު ތަރައްޤީކުރުން
- 01 ދޯނިއެހެލާ ސަރަޙައްދު ހެދުން
ރ. އަނގޮޅިތީމު ބަނދަރާއި ޖެޓީގެ އިތުރުން މޫދަށް އެރޭ ސަރަޙައްދު ތަރައްޤީކުރުން:
- 7,815 ސީބީއެމް ވެލި އައު ބަނދަރު ނެރު ފުން ކުރުމަށް ކޮނުން
- 5,970 ސީބީއެމް ވެލި ބައު ބަނދަރު ނެރު ފިލް ކުރުން
- 102މ ބޮޑުހިލަ ބްރޭކް ވޯޓަރ ޖެހުން
- 21މ ބޮޑުހިލަ ގްރޮއިން ޖެހުން
- 2 ނެރު ބައްތި ޖެހުން
- މޫދަށް އެރޭ ސަރަޙައްދު ފުންކުރުން
- 80މ ބޮޑުހިލަ ގްރޮއިން ޖެހުމާއި 110މ ބޮޑުހިލަ ބްރޭކް ވޯޓަރ ޖެހުން
- ބީޗް ފިލްކުރުން
- 105މ ކޮންކްރީޓު ޖެޓީ ހެދުން
- 2 ފައްތިޔާ
މި މަޝްރޫޢުތައް ނިންމުމަށް އެކި މުއްދަތުތައް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މުންޑޫގެ މަޝްރޫޢު 400 ދުވަހުން، ހޯނޑެއްދޫގެ މަޝްރޫޢު 240 ދުވަހުން، އަދި ނިލަންދޫގެ މަޝްރޫޢު 300 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. ލަންދޫއާއި އަނގޮޅިތީމުގެ މަޝްރޫޢުތައް ނިންމުމަށް ދީފައިވަނީ 360 ދުވަހުގެ މުއްދަތެކެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ފަޒީލްއާއި މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް ބައިވެރިވެ ވަޑައިގެންނެވިއެވެ. އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ގިނަ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކެއް ހިންގަމުންނެވެ.

