ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ފަރާތުން ސިލްސިލާކޮށް ކުރިއަށްގެންދާ “ދޮރުން ދޮރަށް” ހަރަކާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.
މިއަދުގެ ހަރަކާތުގައި ރައީސް ވަނީ ހެންވޭރު އުތުރުގެ ގިނަ ގެތަކަކަށް ޒިޔާރަތް ކުރައްވައި، އެ ގެތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހާލަތު ބައްލަވައިލައްވާފައެވެ. އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައި، މާލޭގެ ތަރައްޤީއަށާއި ރައްޔިތުންގެ ފަސޭހައަށް ސަރުކާރުން ގެންނަން ބޭނުންވާ މުހިންމު ބަދަލުތަކުގެ މަޢުލޫމާތު އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.
މީގެ އިތުރުން، މަގުމަތިން ބައްދަލުވި ގިނަ އަދަދެއްގެ ރައްޔިތުންނާ ވެސް ރައީސް ވަނީ ސަލާމްކުރައްވައި ވާހަކަދައްކަވާފައެވެ. ރައްޔިތުންގެ ޝަކުވާތަކާއި އިހުސާސްތައް އަޑުއެއްސެވުމުގައި ރައީސް މިއަދު ގިނަ ވަގުތުތަކެއް ހޭދަކުރެއްވިކަން ފާހަގަކުރެވެއެވެ.
މިއަދުގެ މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރާއި، ކޮންގްރެސް ޕާޓީގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކަމަށް ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުދާން ވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް މުޢިއްޒު ވަނީ މާލެ ސިޓީގެ 17 ދާއިރާގައި ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތުގެ ފުރަތަމަ ބުރު ނިންމަވައި، މިހާރު ދެވަނަ ބުރު ފައްޓަވާފައެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ކުރިން މާލޭގެ ހުރިހާ ދާއިރާއެއްގައި ދެ ބުރަށް މި ހަރަކާތް ކުރިއަށް ގެންދިއުމެވެ.
ތިން ވޯޓެއް ހިމެނޭ މި އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތާވަލުކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހަށެވެ.

