ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެެއްގައި ބޭއްވުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓާ ދެކޮޅަށް އިދިކޮޅުން ދައްކަމުންދާ ވާހަކަތަކަށް ރައްޔިތުންގެ އެއްވެސް ތަރުހީބެއް ނުލިބޭ ކަމަށް ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަދި މާލެ ސިޓީގެ ކުރީގެ މޭޔަަރު، އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.
ނަރީޝް މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ކޮންގްރެސް ޕާޓީގެ ހެންވޭރު އުތުރު ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން ދެއްވި އިންޓަވިއުއެއްގަ އެވެ. ނަރީޝް ވިދާޅުވީ އިދިކޮޅުން މި ރިފަރެންޑަމާ ގުޅިގެން ދައްކަމުންދާ ދެކޮޅު ވާހަކަތަކަށް ރައްޔިތުންގެ ފަރާތުން އެއްވެސް ތަރުހީބެއް ނުލިބޭ ކަމަށާއި، ބޮޑު އާބާދީ އޮތް ރަށްތަކުގައި ވެސް އެމީހުންނަށް މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް އެއްވެސް ސަޕޯޓެއް ނުލިބޭ ކަމަށެވެ.
މީގެ އިތުރުން ނަރީޝް ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މީގެ ކުރިން ތިން އިންތިޙާބު އެއް ދުވަހެއްގައި ބޭއްވުމަށް ވާހަކަދައްކަވާފައިވާކަން ފާހަގަކުރައްވާފަ އެވެ. ނަރީޝް ތުހުމަތު ކުރެއްވި ގޮތުގައި، މިހާރު ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް އިދިކޮޅުން ތާއީދު ނުކުރަނީ އެއީ ކޮންގްރެސް ޕާޓީން އިސްނަގައިގެން ކުރިއަށް ގެންދާ ކަމެއް ކަމަށް ވާތީ އެވެ.
ރަށްރަށަށް ކުރެއްވި ދަތުރުތަކުގެ ތަޖުރިބާ ހިއްސާ ކުރައްވަމުން ނަރީޝް ވިދާޅުވީ، ބޮޑު އާބާދީއެއް ދެ އިންތިހާބު އެއް ދުވަހުގައި ބޭއްވުމަށް ތާއީދު ކުރާކަން ފާހަގަވި ކަމަށެވެ. މިއީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި އިންތިހާބުތަކުގެ އިންތިޒާމުތައް ހަރުދަނާ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެ އެވެ.
ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އޮންނަ ދުވަހު އެވެ. އެ ވޯޓުލުން ކުރިއަށްދާނީ އަންނަ އޭޕްރީލް މަހުގެ 4 ވަަނަ ދުވަހު އެވެ.

