ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ފަށާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެޗްޑީސީން ބުނީ ފޭސް ތިނެއް ހިމެނޭ ސަރަހައްދު ސާރވޭ ކުރުމާއި، ގޯތިތަކުގެ އިންފާރު ވަކިކުރުމުގެ މަސައްކަތްތައް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ގުޅިގެން މިހާރު ކުރިއަށްދާ ކަމަށެވެ. މިއީ ގޯތިތަކުގެ ވެރިފަރާތްތަކާ ބިން ހަވާލުކުރުމުގެ ކުރިން ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތްތަކެވެ.
ހުޅުމާލެ ފޭސް ތިނަކީ ކުރީ ސަރުކާރުން ނުހިއްކާ އޮތް ފަޅަކުން ގޯތި ދޫކޮށްފައިވާ ސަރަހައްދެކެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ބިން ހިއްކުމުގެ މަޝްރޫޢު ހަލުވިކޮށް، ގޯތިތައް އަވަހަށް ހަވާލުކުރުމަށް ވަނީ އިސްކަންދެއްވާފައެވެ. މިހާރު ވަނީ އެ ސަރަހައްދުން ދޫކުރާ ގޯތިތަކުގެ ގުރުއަތުލުން ވެސް ބާއްވާ ނިންމާފައެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ކުރު މުއްދަތެއްގެ ތެރޭގައި ވަނީ ހިއްކާ ނިންމާލާފައެވެ. ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި 22,000 ސީބީއެމްގެ ކެޕޭސިޓީ ހުރި "ޕްރިންސް ޑަރ ނެދަލޭންޑަން" އަދި "އޮރަންޖް" ނަމަކަށް ކިޔާ ދެ ބޮޑު ޑްރެޖަރު ބޭނުންކޮށްފައިވެއެވެ.
ހުޅުމާލެ ފޭސް ތިނެއްގެ އިތުރުން، ކުރީ ސަރުކާރުން ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ވެސް މިހާރު ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ. މިއީ ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

