ކުރިއަށް އޮތް އިންތިޚާބީ ދުވަސްވަރާ ދިމާކޮށް، ޒުވާނުންނާ ގުޅުން ބަދަހިކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޒުވާނުންގެ ލަފާދޭ މަޖިލީހުން ހުޅުމާލެ ފޭސް 2 ގައި ބާބަކިއުއެއް ބޭއްވުމަށް ނިންމައިފިއެވެ.
“ޔޫތު ފޯ ޕާލަމެންޓް” ގެ ނަމުގައި ބާއްވާ މި ހަރަކާތް އޮންނާނީ މި މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 17:30 އިން 19:00 އަށް ހުޅުމާލެ ފޭސް 2 ގެ ބާބަކިއު ސަރަހައްދުގައެވެ.
މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ޒުވާނުން އެއްވެ، މިހާރުގެ ސިޔާސީ މަސްރަހާ ބެހޭގޮތުން ނުރަސްމީ މާހައުލެއްގައި ޚިޔާލު ބަދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ. މިއީ ވަކި ސިޔާސީ ޕާޓީއަކަށް ތާއީދު ހޯދުމަށް ބާއްވާ ހަރަކާތެއް ނޫން ކަމަށާއި، މީގެ ބޭނުމަކީ އަލަށް ވޯޓުލާ ޒުވާނުންނާއި އެކި ދާއިރާތަކުގެ ފަންނުވެރިން ސިޔާސީ ކަންކަމަށް ހޭލުންތެރިކުރުވުން ކަމަށް ޒުވާނުންގެ ލަފާދޭ މަޖިލީހުން ބުނެއެވެ.
އިންތިޚާބުތަކުގައި ޒުވާނުންގެ ވޯޓަކީ މުހިންމު ދައުރެއް އަދާކުރާ އެއްޗަކަށް ވުމާއެކު، މިފަދަ ހަރަކާތްތަކުގެ ސަބަބުން ޒުވާނުންގެ ބައިވެރިވުން އިތުރުވެގެންދާނެއެވެ. މިއީ އިންތިޚާބީ ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި މާލެ ސަރަހައްދުގައި ޒުވާނުންނަށް އަމާޒުކޮށްގެން ހިންގުމަށް ރޭވިފައިވާ ގިނަ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ.

