މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި، ސަރުކާރުގެ ފަރާތުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް މިވަގުތަށް ހުއްޓާލާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށެވެ.
މިނިސްޓަރު ޒަމީރު ފާހަގަކުރެއްވި ގޮތުގައި، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި ރާއްޖެއިން ބޭރަށް ކުރާ އެހެނިހެން ހުރިހާ ދަތުރުތަކެއް މިހާރު ވަނީ މެދުކަނޑާލާފައެވެ. މި ބަދަލުތައް ގެންނަން ޖެހުނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ދައުލަތުގެ ކޭޝްފްލޯއަށް ބަދަލުތަކެއް އަންނަމުންދާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ދަތުރުތަކުގެ ތަފްސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ފޮރިން މިނިސްޓްރީން ކުރަންޖެހޭ ޑިޕްލޮމެޓިކް ދަތުރުތައް ކުރިއަށް ދިޔަ ނަމަވެސް، އެހެން މިނިސްޓްރީތަކާއި މުއައްސަސާތަކުގެ ދަތުރުތައް ވަނީ މަޑުޖައްސާލާފައެވެ. އެގޮތުން އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިން ނަގާފައިވާ 100 މިލިއަން ޑޮލަރު ދެއްކުން ފަސްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ޔޫއޭއީއަށް ވަޑައިގަތުމަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް، ހަރަދު ކުޑަކުރުމުގެ ގޮތުން އެ ދަތުރުވެސް މިހާރު ފަސްކުރައްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާއާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، ނުދައްކައި ހުރި ފައިސާގެ ބޮޑު ބައެއް މިހާރު ދައްކައި ހަލާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް، ބައެއް ބިލްތަކަކީ ހަވާލުކުރަން ނުޖެހޭ ފައިސާ ކަމަށް އޮޑިޓާ ޖެނެރަލް ލަފާދެއްވާފައިވާތީ، އެފަދަ ބިލްތަކަށް ފައިސާ ދޫކުރުން މަޑުޖައްސާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، “އަޅުގަނޑުމެން ބައެއް ކުންފުނިތަކަށް ފައިސާ ހަވާލުކޮށްގެން ދޫކުރިން، ދޫކޮށްފައި އެކަަމަކު އޮޑިޓާ ޖެނެރަލްގެ ލަފަ އާއި، އިންޓާނަލް އޮޑިޓުން ފާހަގަކުރެވިފައި ހުރި މައްސަލަތައް ހައްލުކޮށް އަލުން ޕްރެޒެންޓުކުރަންވެސް މިހާރު ހުންނާނީ ކުންފުނިތަކަށް އަންގާފައި،” ކަމަށެވެ.
ނިންމަވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ފަދައިން، އަމިއްލަ ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ދޫކުރުމަކީ ސަރުކާރުން އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އަދި މައްސަލަ ހުރި ބިލުތަކުގެ ކަންކަން ހައްލުކުރުމަށްފަހު، އެ ފައިސާ ދެއްކުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

