ގދ. ތިނަދޫ ސިޓީގައި ހުންނަ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމަށްޓަކައި ކުރަންޖެހޭ އަމަލީ މަސައްކަތްތައް ރަސްމީކޮށް މިއަދު ފަށައިފިއެވެ. މި މަޝްރޫޢަކީ ތިނަދޫ ސިޓީއާއި މުޅި ހުވަދު އަތޮޅުގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި، މި މަސައްކަތުގެ ކޮންޓްރެކްޓަރ ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޖަމްޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ސިޓީގެ މެންބަރުންނާއި ތިނަދޫ ސިޓީ ކައުންސިލްގެ އިސްވެރިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން 87,455 އަކަފޫޓުގެ ސަރަހައްދެއްގައި 102 އެނދުގެ ޖާގައިގެ އާ އިމާރާތެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ 144.43 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 540 ދުވަސް ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
ހޮސްޕިޓަލް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ އިތުރުން، މިއަދު ވަނީ އެ ހޮސްޕިޓަލުގައި އެމް.އާރް.އައި (MRI) ޚިދުމަތް ދިނުމަށް ބޭނުންވާ މަސައްކަތްތައް ފެށުމުގެ އިތުރުން، ހައިޕަރބެރިކް އޮކްސިޖަން ޗޭމްބަރ އިންސްޓޯލްކުރުމުގެ ޚިދުމަތްވެސް ރަސްމީކޮށް އިފްތިތާޙުކޮށްފައެވެ. މިއީ މި ސަރަހައްދުގެ ސިއްޙީ ޚިދުމަތަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.
10,000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ތިނަދޫ ސިޓީއަކީ މުޅި އަތޮޅުގެ ގިނަ ބަޔަކު ސިއްޙީ ފަރުވާ ހޯދުމަށް ބަރޯސާވާ މައި މަރުކަޒެވެ. ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިތުރު ވިންގެއް ޑިޒައިންކޮށް އިމާރާތްކުރުމުގެ މަސައްކަތް ނިމުމުން، ތިނަދޫއިން ލިބޭ ސިއްޙީ ފަރުވާގެ ފެންވަރު މަތިވެ، ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ފުޅާ ދާއިރާއެއްގައި ބޭސްފަރުވާގެ ޚިދުމަތް ލިބުމަށް މަގުފަހިވާނެއެވެ.
މި މަޝްރޫޢު ނިމުމުން ތިނަދޫގެ އިތުރުން މުޅި ހުވަދު އަތޮޅުގެ ރައްޔިތުން ބޭސްފަރުވާއަށް ކުރަންޖެހޭ ދަތުރުތަކަށް ބޮޑު ލުއިފަސޭހައެއް ލިބި، ޓާޝަރީ ފެންވަރުގެ ޚިދުމަތްތައް ގާތުން ލިބިގެންދާނެކަމަށް ބެލެވެއެވެ.

