ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ އިން ވަކިކުރުމަށްފަހު، އެ ގޯތިތައް އޭގެ ވެރިފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މިކަމާ ގުޅޭގޮތުން ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ގޯތި ލިބުނު ބައެއް ފަރާތްތަކަށް މިއަދު ވަނީ ގޯތީގެ ރަޖިސްޓަރީ ވެސް ހަވާލުކޮށްފައެވެ.
ހުޅުމާލެ ފޭސް ތިނަކީ ކުރީގެ ސަރުކާރުން ނުހިއްކާ އޮތް ފަޅަކުން ގޯތި ދޫކޮށްފައިވާ ސަރަހައްދެކެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ބިން ހިއްކުމުގެ މަޝްރޫޢު ހަލުވިކުރައްވައި، ރައްޔިތުންނަށް ގޯތި ހަވާލުކުރުން އަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. މި މަސައްކަތުގެ ދަށުން މިހާރު ވަނީ އެ ސަރަހައްދުން ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ވެސް ބާއްވާ ނިންމާފައެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ހިއްކާ ނިންމާލާފައެވެ. ބިން ހިއްކުމުގެ މަސައްކަތް ހަލުވިކުރުމުގެ ގޮތުން "ޕްރިންސް ޑަރ ނެދަލޭންޑަން" އަދި "އޮރަންޖް" ނަމަކަށް ކިޔާ، ކޮންމެ އެއްޗެއްގައި 22,000 ސީބީއެމްގެ ކެޕޭސިޓީ ހުރި ދެ ބޮޑު ޑްރެޖަރު ބޭނުންކޮށްފައިވެއެވެ.
ސަރުކާރުން އަންނަނީ ހުޅުމާލޭގެ އިތުރުން، ކުރީ ސަރުކާރުން ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ވެސް ބާރުސްޕީޑުގައި ކުރިއަށް ގެންދަމުންނެވެ. މިއީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މުހިންމު މަޝްރޫޢުތަކެކެވެ.

