ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިލިމާލޭގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، އެ އަވަށުގައި 300 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަޝްރޫޢުގެ ބިންގާ މިރޭ ރަސްމީކޮށް އަޅައިފިއެވެ. މިއީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމަށްފަހު ވިލިމާލޭގައި ބޯހިޔާވަހިކަމުގެ މިފަދަ ބޮޑު މަޝްރޫޢެއް ހިންގާ ފުރަތަމަ ފަހަރެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އެވެ.
ވިލިމާލޭގައި މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން، ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބާއި، ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް އަދި އާރްސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ބީއެމްއެލުން މަޢުލޫމާތު ދޭ ގޮތުގައި ވިލިމާލޭގައި ތަރައްޤީކުރާ މި 300 ހައުސިން ޔުނިޓް ބިނާކުރާނީ 17 ފަންގިފިލާގެ ތިން ޓަވަރެއްގެ ގޮތުގައެވެ. މި މަޝްރޫޢުގެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ 2028 ވަނަ އަހަރުގެ މެދުތެރޭގައެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނީގެ ދަށުން ޖުމްލަ 3,260 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ވަނީ ރޭވިފައެވެ. މީގެ ތެރޭގައި ހުޅުމާލެ ފޭސް ތިނެއްގައި ހިންގާ ދެ މަޝްރޫޢެއްވެސް ހިމެނެއެވެ. އޭގެ ތެރެއިން އެއް މަޝްރޫޢަކީ ޗައިނާގެ ސީއެމްއީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 1,224 ހައުސިން ޔުނިޓްގެ މަޝްރޫޢެކެވެ.

