ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިފަދައިން މިދިޔަ ހަފްތާގެ ހޯމަ ދުވަހުވެސް އެމަނިކުފާނު ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާ ޤައުމުގައި ޙާލަތާއި ސަރުކާރުން ކުރިއަށްގެންދިޔުމަށް ނިންމަވާފައިވާ ބައެއް ކަންކަމުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. އަދި ނޫސްވެރިން ކުރި ސުވާލުތަކަށް އެމަނިކުފާނު ވަނީ ފުރިހަމައަށް ޖަވާބުދާރީވެފައެވެ.
ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ރައީސްގެ ވާހަކަފުޅު އެންމެ ފުރަތަމަވެސް ފެއްޓެވީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއެކު ރާއްޖެއަށް ކުރާނެ އަސަރުތައް ކުޑަކުރުމަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތްތަކުންނެވެ. ޚާއްސަކޮށް އެކަމުގެ އަސަރު ރައްޔިތުންނަށް ކުޑަކުރުމަށްޓަކައި ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މެދުއިރު މަތީގެ ހަނގުރާމައާ ގުޅިގެން އެންމެ ބޮޑު އަސަރެއް ކުރަމުން އަންނަނީ ދުނިޔޭގެ ދެލުގެ ބާޒާރަށެވެ. ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެމުން އަންނައިރު ރާއްޖެއަށް މެދު ނުކެނޑި ތެޔޮ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ހަނގުރާމަ ފެށުނުއިރުންފެށިގެން ވެސް އައީ މަސައްކަތް ކުރަމުންނެވެ. މިކަމަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ކުރާ އަސަރުތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.
ދުރު ރާސްތާއަށް ވިސްނަވައި، ދިވެހިރާއްޖޭގައި ނެޝަނަލް އޮއިލް ރިޒަރވެއް ގާއިމުކުރުމަށްޓަކައި ކުރެވޭނެ ކަންތައްތަކުގެ ދިރާސާ ކުރުމުގެ މަސައްކަތްތައް ފަށާފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި، ތިން ފިޔަވައްސަކަށް ބަހާލައިގެން، ދޮޅު އަހަރު ނުވަތަ ދެ އަހަރުން ފިޔަވައްސެއް ނިންމޭގޮތަށް، ތެލުގެ ރިޒަރވެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
“ތެލުގެ މި ރިޒަރވް ޤާއިމުކުރުމަކީ ވަރަށް މުހިންމު ކަމެއް. މިއީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުފަދަ ފަންޑެއް، އެހެންނަމަވެސް އެއީ ތެލުގެ ރިޒަރވެއް” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

