މާލެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ތިލަފުށީގައި ޤާއިމްކޮށްފައިވާ “އެމްޕްޓީ ކޮންޓޭނަރ ޑީޕޯ” ގެ ކެޕޭސިޓީ ބޮޑުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.
އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތިލަފުށީގައި ޤާއިމްކުރެވުނު މި ޑީޕޯގެ މަސައްކަތް ނިންމައި، 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން އޮޕަރޭޝަންސްތަކުގައި އެ ސަރަހައްދު ބޭނުންކުރަމުންދާ ކަމަށެވެ. މިވަގުތުވެސް އެ ސަރަހައްދުގައި ޖުމްލަ 1600 ޓީ.އީ.ޔޫ (ކޮންޓޭނަރ) އެބަހުއްޓެވެ. ޖާގަ ބޮޑުކުރުމަށްޓަކައި އިތުރު ބިން އެއްވަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފުރިހަމަކޮށްފައެވެ. މި އައު ސަރަހައްދު ބޭނުންކުރަން ފެށުމުން ޑީޕޯގެ ޖުމްލަ ކެޕޭސިޓީ 3000 ޓީ.އީ.ޔޫ އަށް މަތިވާނެއެވެ.
މި ޑީޕޯގެ ސަބަބުން މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގެ އޮޕަރޭޝަންސްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ލުޔެއް ލިބޭނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ. ނަމަވެސް، ބަނދަރުގެ ޖާގައިގެ ދަތިކަމަށް ފުރިހަމަ ހައްލެއް ލިބޭނީ ތިލަފުއްޓަށް މައި ބަނދަރު ބަދަލުކުރެވުމުން ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ތިލަފުށީ ބަނދަރު ބަދަލުކުރުމުގެ މަޝްރޫޢު ބާރަށް ކުރިއަށް
ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫޢުގެ ފޭސް-1 ގެ ޑިޒައިން އާއި ސާރވޭގެ މަސައްކަތްތައް ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީ.އެޗް.އީ.ސީ) އާ މި އަހަރުގެ ފެބްރުވަރީ މަހު ވަނީ ހަވާލުކޮށްފައެވެ. އެ ކުންފުނިން މިހާރު ވަނީ އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ކީ ވޯލްގެ ފުރަތަމަ ސާރވޭތައް ތާވަލަށްވުރެ އަވަހަށް ނިންމާފައެވެ. މިހާރު ކުރިއަށްދަނީ “ޖިއޯ ޓެކްނިކަލް” ސާރވޭގެ މަސައްކަތްތަކެވެ.
މީގެ އިތުރުން، ޔާޑާއި ޓަރމިނަލްގެ ލޭއައުޓާއި ޕްލޭނިންގ މަސައްކަތްތައް އެމް.ޕީ.އެލްގެ ޓީމުތަކުން ދަނީ ކުރަމުންނެވެ. ދިވެހިރާއްޖޭގެ މައި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައިވާ ގޮތުގެ މަތިން، 2027 ވަނަ އަހަރު ތިލަފުއްޓަށް ބަނދަރު ބަދަލުކޮށް ޚިދުމަތް ދޭން ފެށުމަކީ އެމް.ޕީ.އެލްގެ އަމާޒެވެ.

