އީރާނުގެ މީނާބްގައި ހުންނަ ޝަޖަރޭ ތައްޔިބާ ގާލްސް ސްކޫލަށް އަމާޒުކޮށް އިސްރާއީލުން ދީފައިވާ ހަމަލާގައި 168 ކުދިން މަރުވި މަރުވުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މިކަމާ ގުޅިގެން ދިވެހި ހާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނީ މިއީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނުތަކާއި އިންސާނިއްޔަތާބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއްކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށެވެ.
ސްވިޓްޒަރލަންޑްގެ ޖެނީވާގައި މިއަދު ބޭއްވި އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 61 ވަނަ ސެޝަންގެ 49 ވަނަ ބައްދަލުވުމުގައި، ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވަނީ މި ހަމަލާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. “ބައިނަލްއަޤުވާމީ ހަތިޔާރު އެޅި ހަމަނުޖެހުންތަކުގައި ކުޑަކުދިންނާއި ތަޢުލީމީ މުއައްސަސާތައް ހިމާޔަތްކުރުން” މި މައުޟޫއަށް ބޭއްވި ކުއްލި ބަހުސްގައި ވާހަކަފުޅުދައްކަވަމުން، އިސްރާއިލްއާއި އެމެރިކާއާ ގުޅިގެން އީރާނަށް ދިން އަސްކަރީ ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވަމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ޑރ. ސަލްމާގެ ތަޤުރީރުގައި، ގަލްފްގެ ޤައުމުތަކާއި ޖޯޑަން، ފަލަސްތީން އަދި ލެބަނަން މިހާރު އޮތް ނުރައްކާތެރި ޙާލަތަށް ވައްޓާލުމުގެ ފަހަތުގައި އޮތީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ތަކުރާރުކޮށް ޚިލާފުވަމުންދާ އިސްރާއީލު ކަމަށް ވިދާޅުވިއެވެ. އަދި ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނުތަކާ ޚިލާފަށް ހިންގާ މިފަދަ ޢަމަލުތަކަށް ފިޔަވަޅު ނޭޅި ދިއުމުގެ ސަގާފަތް މިހާރުން މިހާރަށް ނިމުމަކަށް ގެންނަންޖެހޭ ކަމަށްވެސް ދިވެހިރާއްޖެއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން، މަސްރަހު އިތުރަށް ގޯސްވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށާއި، އާންމު ރައްޔިތުން ހިމާޔަތްކޮށް، މިފަދަ ލާއިންސާނީ އަމަލުތައް ހިންގާ ފަރާތްތައް ޒިންމާދާރުކުރުވުމަށް ކުރާ މަސައްކަތްތައް ވަރުގަދަކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ދިވެހިރާއްޖެއިން ވަނީ ގޮވާލާފައެވެ.
މިއީ މި ހަފުތާގެ ތެރޭގައި އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީގައި ތާވަލުކުރެވުނު ދެވަނަ ކުއްލި ބަހުސެވެ. ފުރަތަމަ ބަހުސް ބާއްވާފައިވަނީ 25 މާރިޗު 2026 ގައެވެ. އެއީ، ފެބުރުވަރީ މަހު ގަލްފުގެ އެކި ގައުމުތަކަށް ދިން ހަމަލާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށެވެ. މި ދެ ބަހުސްގައިވެސް ރާއްޖެއިން ބައިވެރިވެ، އދ. ގެ މަންޝޫރަށާއި ބައިނަލްއަޤުވާމީ މުއާހަދާތަކަށް ރާއްޖެއިން ކުރާ އިޙްތިރާމް ހާމަކޮށްފައިވާނެ ކަމަށް ހާރިޖިއްޔާއިން ބުނެފައިވެއެވެ.

