ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓާ ގުޅިގެން ރަށްރަށަށް ފޮނުވަން ޖެހޭ ތަކެތި ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ރަށްރަށަށް ފޮނުވުމުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މިއީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުތަކާއި ހިޔާލު ހޯދުމުގެ އާންމު ވޯޓަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރެއިން ކުރެވޭ މަސައްކަތެކެވެ.
އިންތިހާބުގެ މަސައްކަތްތަކަށް ބަލާއިރު، މި އިންތިހާބުތަކުގައި ހަރަކާތްތެރިވާނެ މޮނިޓަރުންނަށް ހާއްސަ ސެޝަންތަކެއް އިއްޔެ ވަނީ ބާއްވާފައެވެ. މި ސެޝަންތަކުގައި އިންތިހާބާ ގުޅޭ މުހިންމު މައުލޫމާތުތައް އޮޅުންފިލުވައިދީފައިވާއިރު، ވޯޓުލުމަށް ބޭނުންކުރާނެ މަރުކަޒުތައް ތައްޔާރުކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މިފަހަރުގެ އިންތިހާބުގައި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް ހިމެނޭ ގޮތަށް ޖުމްލަ 629 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރާއްޖޭގެ އިންތިހާބީ ނިޒާމަށް ގެނެވިދާނެ ބަދަލަކާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުލުން ވެސް އެ ދުވަހު ކުރިއަށްދާނެއެވެ.

