ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ތެރެއިން އެޕާޓްމެންޓެއްގައި އުސޫލުތަކާ ޚިލާފަށް ލޯންޑްރީ ސަރވިސް ސެންޓަރެއް ހިންގަމުންދާ މައްސަލައެއް ފެންމަތިވެއްޖެއެވެ. މި މައްސަލަ ފެންމަތިވެފައިވަނީ ވިނަރެސް ޓަވަރެއްގެ އެޕާޓްމެންޓެއްގެ ތެރޭގައި ލޯންޑްރީގެ މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވުމާ ގުޅިގެންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، އެ އެޕާޓްމެންޓް ތެރޭގައި ލޯންޑްރީގެ ޚިދުމަތް ދިނުމަށްޓަކައި އެލްޕީޖީ ގޭސް ބޭނުންކޮށްގެން ހިންގާ އިންޑަސްޓްރިއަލް ފެންވަރުގެ ބޮޑެތި މެޝިންތަކެއް ވަނީ ބަހައްޓާފައެވެ. މިއީ އާންމު ދިރިއުޅުމަށް ދޫކޮށްފައިވާ ފްލެޓެއްގައި މިފަދަ ނުރައްކާތެރި އަދި ސިނާއީ މަސައްކަތެއް ކުރުމުން އެތަނުގައި ދިރިއުޅޭ އެހެން މީހުންގެ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
މިހާރު އަންގާފައިވާ ކަމަށްވެސް އެޗްޑީސީން މައުލޫމާތު ދީފައިވެއެވެ.
ނަމަވެސް، އެ އެޕާޓްމެންޓްގައި ލޯންޑްރީގެ ޚިދުމަތް ހިންގަމުންދަނީ ކޮން ފަރާތަކުން ކަމެއް އެޗްޑީސީން ހާމަކޮށްފައެއް ނުވެއެވެ. ވިނަރެސް ފްލެޓްތަކަކީ މީހުން ދިރިއުޅުމަށް ޚާއްސަކޮށްފައިވާ ތަންތަނަށް ވާއިރު، އެފަދަ ތަންތަނުގައި ވިޔަފާރި އުސޫލުން ސިނާއީ މަސައްކަތް ކުރުމަކީ މަނާކަމެކެވެ.
މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޚާއްސަކޮށް އާންމު އެޕާޓްމެންޓެއްގެ ތެރޭގައި ގޭސް ސިލިންޑަރު ބޭނުންކޮށްގެން ބޮޑެތި މެޝިންތައް ހިންގުމަކީ އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ފުރުސަތު ބޮޑު ކަމަކަށް ވާތީ، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

