ގދ. މަޑަވެލީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ބޮޑު މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މަޑަވެލީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާދު ޙުސައިން މުޙައްމަދު ލަޠީފް އެވެ.
މި ރަސްމިއްޔާތުގައި މަޑަވެލި ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޝަމީޒްއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިސްމާޢީލް ހަމީދު އާއި، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ޖަމްސީދް، އަދި ގދ. މަޑަވެލި ކައުންސިލްގެ ރައީސް ފިއާޒް ހަސަންގެ އިތުރުން މުޢައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ބަހާލާފައިވަނީ ދެ ފިޔަވައްސަކަށެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން 8.85 ހެކްޓަރުގެ ބިން ހިއްކުމާއި، 628.70 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 678 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި ފިޔަވަހީގެ އަގަކީ 77.9 މިލިއަން ރުފިޔާއެވެ.
މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި 19.17 ހެކްޓަރުގެ ބިން ހިއްކުމާއި، 1645 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން 120 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމަށް ވަނީ ނިންމާފައެވެ. 174.58 މިލިއަން ރުފިޔާގެ މި މަސައްކަތް 400 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ.
2,095 މީހުންގެ އާބާދީއެއް އޮންނަ މަޑަވެލި އަކީ ޒަމާނުއްސުރެ ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ރަށެކެވެ. އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫޢު ނިމުމާއެކު ރަށުގެ ބިން އިތުރުވެ، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
މީގެ އިތުރުން، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ސަބަބުން ރަށަށް އުދައެރުމާއި ރަށް ގިރުމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބި، ރަށުގެ ތިމާވެށި ރައްކާތެރިކުރެވޭނެ ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

