ވިލިމާލޭގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް މިއަހަރުގެ ޖުލައި ނުވަތަ އޮގަސްޓް މަހުގެ ތެރޭގައި ފެށޭނެ ކަމަށް މިނިސްޓަރ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ވިލިމާލޭގައި 300 ފްލެޓު އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ވިލިމާލޭގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ނިންމުމުން އެކަމާ ދެކޮޅު ހެދި ބަޔަކު ތިބި ނަމަވެސް، އެ ފަރާތްތަކަށް ވިލިމާލޭގެ ރައްޔިތުން ސިއްހީ ފަރުވާ ހޯދުމުގައި އުފުލަންޖެހޭ ތަކުލީފުތައް އިހުސާސް ނުކުރެވޭ ކަމަށެވެ. ވަޒީފާއަށާއި އެކި ބޭނުންތަކަށް މާލެއަށް ދަތުރުކުރަން ޖެހުމުގެ އިތުރުން، އެކަށީގެންވާ ސިއްހީ ހިދުމަތެއް ނެތުމުން ފަރުވާ ހޯދުމަށް މާލެއަށް ބަރޯސާވާން ޖެހުމަކީ ރައްޔިތުންނަށް އޮތް ބޮޑު ގޮންޖެހުމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ވިލިމާލޭގައި އަލަށް އިމާރާތްކުރާ މި ހޮސްޕިޓަލަކީ 112 އެނދުގެ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެކެވެ. ޖުމްލަ 12,890 އަކަމީޓަރުގެ ސަރަހައްދެއްގައި ބިނާކުރާ މި ހޮސްޕިޓަލުގައި އައުޓްޕޭޝަންޓް ހިދުމަތާއި، ކުއްލި ފަރުވާ، ބަލި ދެނެގަތުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކުގެ އިތުރުން މެޑިކަލް ވޯޑުތައް ހިމެނޭނެއެވެ. މީގެއިތުރުން، ހޮސްޕިޓަލަށް ބޭނުންވާ އެންމެހައި މެޑިކަލް އިކުއިޕްމަންޓާއި ފަރުނީޗަރުވެސް ޗައިނާ ސަރުކާރުގެ އެހީގައި ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ވިލިމާލޭގައި މިހާރު ހިންގަމުންދާ ހޮސްޕިޓަލަށް 29 އަހަރު ވެފައިވާއިރު، އެތަން އެންމެ ފުރަތަމަ ހުޅުވީ ތިން ކޮޓަރީގެ ސިއްހީ މަރުކަޒެއްގެ ގޮތުގައެވެ. ފަހުން 1999 ވަނަ އަހަރު 24 ގަޑިއިރު ހިދުމަތް ދޭން ފަށައި، މިހާރު ހުރި އިމާރާތަށް ހިދުމަތް ބަދަލުކުރީ 2002 ވަނަ އަހަރުގައެވެ. ވިލިމާލޭގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

