ސަރުކާރުން އަލަށް ތަޢާރަފްކުރާ ޓެކްސީލައިންގެ ޚިދުމަތް ވިލިމާލެއަށްވެސް ފޯރުކޮށްދޭނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. މި ޚިދުމަތަކީ ރައްޔިތުންނަށް ޓެކްސީ ހޯދުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދީ، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
ވިލިމާލޭގައި 300 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ޓެކްސީ ލައިންގެ ޚިދުމަތް ފެށޭއިރު ވިލިމާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން 5 އިލެކްޓްރިކް ކާރު ބޭނުންކުރާނެ ކަމަށެވެ. މިއީ ތިމާވެއްޓާ ރައްޓެހި އުޅަނދުތަކަކަށް ވުމުން، ވިލިމާލޭގެ މާޙައުލާއި އެ ރަށުގެ ތަރައްޤީއަށް މީގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
“ސަރުކާރުން މިހާރު ފެށުމަށް ތައްޔާރުވަމުންދާ މާލެ ޓެކްސީ ލައިންގެ ޚިދުމަތް ފެށޭއިރުގައި މިރަށުގައިވެސް އޭގެ 5 ޓެކްސީ ގެނެސް ރައްޔިތުންނަށް އެ ޚިދުމަތް ދެވިގެންދާނެކަން. މިއީ އިލެކްޓްރިކް ޓެކްސީ ތަކަކަށްވާތީ މިރަށުގެ މާޙައުލާއި މިރަށުގެ ރައްޔިތުންގެ ފަސޭހަކަމާއި މިރަށުގެ ތަރައްޤީއަށް ވަރަށް މުހިންމު ރޯލެއް އަދާކުރާނެކަމެއްކަމީ ޝައްކެއްއޮތްކަމެއްނޫން،” ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ 2 ވަނަ ދުވަހުއެވެ. މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެކަމަށްޓަކައި ޚާއްސަކޮށް ތައްޔާރުކޮށްފައިވާ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. މި ލައިނުގައި ބޭނުންކުރާނީ ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ، 100 އިންސައްތަ ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 150 ކާރު ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން 60 ކާރު މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. ބާކީ 90 ކާރު ހިމެނޭ ދެވަނަ ޝިޕްމަންޓް މި މަހުގެ 29 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވެއެވެ. މި ޚިދުމަތަކީ ތިން ސައިޒެއްގެ އުޅަނދު ހިމެނޭ ގޮތަށް، 24 ގަޑިއިރު މެދުނުކެނޑި ދޭނެ ޚިދުމަތެކެވެ.
ސަރުކާރުގެ މި އިސްނެގުމާއެކު، މާލެ ސަރަޙައްދުގެ ޓެކްސީ ނިޒާމަށް ބޮޑު އިންގިލާބީ ބަދަލެއް އައިސް، ރައްޔިތުންނަށް އިތުބާރު ހުރި އަދި ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމްވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވައެވެ.

