ގދ. މަޑަވެލީގައި ސަރުކާރުން ތަރައްގީ ކުރުމަށް ނިންމާފައިވާ 50 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މަޑަވެލީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސެއިން މުހައްމަދު ލަތީފެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސްގެ އަރިހުގައި ހައުސިން، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދާއި، ރައްޔިތުންގެ މަޖިލިހުގެ މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ޝަމީޒްގެ އިތުރުން މިމްސް ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު އަދި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އަދި މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ހަސަން ބައިވެރިވެވަޑައިގެންނެވިއެވެ.
މަޑަވެލީގައި އިމާރާތްކުރާ މި 50 ހައުސިން ޔުނިޓްގެ މަސައްކަތް މިދިޔަ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ހަވާލުކޮށްފައި ވަނީ މިމްސް ކޮންސްޓްރަކްޝަނާއެވެ. މި މަޝްރޫއަކީ 450 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާ ގޮތަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ހައުސިން މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫއުގެ ދަށުން ބިނާކުރާ ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި ހިމެނޭނެއެވެ. މިއީ އެ ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ މަޝްރޫއެއް ކަމަށް ސަރުކާރުން ދެކެއެވެ.
މަޑަވެލީގައި 50 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފެށިއިރު، އެ ރަށުގެ ތަރައްގީއަށް މުހިންމު އިތުރު މަޝްރޫއުތަކެއް ވެސް މިހާރު ކުރިއަށްދެއެވެ. އެގޮތުން މަޑަވެލީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ.

