މާލޭ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، އެ ސަރަހައްދުގައި ޝީޓްޕައިލް ކުރުމުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. މި މަޝްރޫޢަކީ މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްގެންދަނީ ފޭސް 1 ގައި ހިމެނޭ 4 ސެގެމެންޓްގެ މަސައްކަތެވެ. މި މަސައްކަތުގެ ދަށުން ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް 700 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީން ބުނިގޮތުގައި މި ސަރަހައްދު ފަރުމާކޮށްފައިވަނީ މަގުގެ ޖާގަ ބޮޑުކޮށް، އިތުރަށް ފުޅާވާނެ ގޮތަށެވެ.
މަޝްރޫޢުގެ ކުރިއެރުމާ ގުޅޭގޮތުން އެމްޓީސީސީން ވިދާޅުވީ، މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު އެއްގަމު ތޮށި ތަޅާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މީގެ އިތުރުން ޝީޓް ޕައިލް ކުރުމުގެ މަސައްކަތާއި، ސައިޑް ވޯކް ޖެހުމުގެ މަސައްކަތްވެސް ބާރު ދުވެއްޔެއްގައި ކުރިއަށްދާކަން އެ ކުންފުނިން ފާހަގަކުރެއެވެ.
މި ސެގްމެންޓުގެ މަސައްކަތް ނިމޭއިރު، 700 މީޓަރުގެ މި ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްޤީކުރެވި، ތާރު އެޅުމުގެ މަސައްކަތް ކުރެވޭނެއެވެ. އަދި މަގުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފެން ހިންދާ ނިޒާމު ޤާއިމްކުރުމުގެ އިތުރުން، ޕޭމަންޓް ހަދައި މަގުބައްތި ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.
ބޮޑުތަކުރުފާނު މަގުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ވަނީ އިއްޒުއްދީން ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމުލަ 380 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކޮށް ނިންމާފައެވެ. މި ސަރަޙައްދުތައް މިހާރު އާންމުންނަށް ބޭނުންކުރަން ހުޅުވާލާފައިވާއިރު، މަގުގެ ޖާގަ ތަނަވަސްވުމުގެ ސަބަބުން އެއްގަމު އުޅަނދުތަކާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ބޮޑު ލުޔެއް ލިބިގެންގޮސްފައިވާކަން ފާހަގަކުރެވެއެވެ.

