އައްޑޫ ސިޓީގެ ތަރައްޤީއަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވައި، ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ސ. ހިތަދޫ، ފެހިވިލާގެ އަޙްމަދު ޞާލިހް އަލީދީދީ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އަޙްމަދު ޞާލިހް އަލީދީދީ ނިޔާވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ތަޢުޒިޔާގެ މެސެޖުގައި، އަޙްމަދު ޞާލިޙް ޢަލިދީދީއަކީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މެންބަރުކަމާއި އައްޑު އަތޮޅު އަތޮޅުވެރިކަން ކުރައްވައި، ދިގު މުއްދަތަކަށް ދިވެހި ދައުލަތަށް އަދި ޚާއްޞަކޮށް އައްޑޫގެ ކުރިއެރުމަށާއި ތަރައްޤީއަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ. ރައީސް ވަނީ މި ހިތާމައިގައި ބައިވެރިވެ، އައްޑޫގެ ރައްޔިތުންނަށާއި މަރްޙޫމްގެ ޢާއިލާއަށް އިޚްލާޞްތެރި ތަޢުޒިޔާ ދަންނަވައި، މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރައްވާފައެވެ.
ދައުލަތަށް ކުރެއްވި މުހިންމު ޚިދުމަތްތައް
އަޙްމަދު ޞާލިހު އަލީދީދީ ވަނީ ދިވެހި ދައުލަތުގެ އެކި ފަންތީގެ މަޤާމުތަކުގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރައްވާފައެވެ. އެގޮތުން ހިތަދޫ ކަތީބުކަމާއި، އައްޑު އަތޮޅުގެ އަތޮޅުވެރިޔާގެ މަޤާމުގެ އިތުރުން އައްޑު އަތޮޅު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން އޭނާ ކުރެއްވިއެވެ. މީގެއިތުރުން، ގަން އެއާޕޯޓުގެ މެނޭޖަރުކަމާއި، ގަމުގެ އެސްޓީއޯގެ މެނޭޖަރުކަމާއި، ހިތަދޫގެ ސްޓެލްކޯގެ މެނޭޖަރުކަމާއި ޑެޕިއުޓީ މެނޭޖަރުކަމުގެ މަޤާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.
އިޖުތިމާއީ ދާއިރާއިން ބަލާއިރު، އައްޑު އަތޮޅުން ޤައުމީ މުބާރާތެއްގައި ބައިވެރިވުމަށް އެންމެ ފުރަތަމަ ފުރުސަތު ލިބުނު ފަރާތަކީވެސް އަޙްމަދު ޞާލިހު އަލީދީދީއެވެ. އޭނާގެ އަގުހުރި އިޖުތިމާއީ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ވަނީ އޭނާއަށް ޝަރަފުވެރިކަމުގެ އެވޯޑެއްވެސް އަރުވައިފައެވެ.
އަޙްމަދު ޞާލިހް އަލީދީދީގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ އިޝާ ނަމާދަށްފަހު ހިތަދޫގައި ހުންނަ ޙުސައިން މޫސާ މިސްކިތުގައެވެ.

