ދިވެހިރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ ގިރާވަރުފަޅު ހިއްކުމުގެ ބިޔަ މަޝްރޫޢު ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ. މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް 105 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފައެވެ. މީގެ ތެރޭގައި ފުރަތަމަ ފިޔަވަހީގެ ދަށުން ހިއްކި 70 ހެކްޓަރާއި، އެމް.އޭ.ސީ.އެލް އާ ހަވާލުކޮށްގެން ކުރިއަށްގެންދާ ދެވަނަ ފިޔަވަހީގެ ދަށުން މިހާތަނަށް ހިއްކާފައިވާ 35 ހެކްޓަރު ހިމެނެއެވެ. މަސައްކަތުގެ ދުވެއްޔަށް ބަލާއިރު، ފޭސް 1 ގެ %62.8 މަސައްކަތް ނިމިފައިވާއިރު، ދެވަނަ ފިޔަވަހީގެ %36 މަސައްކަތް ވަނީ ނިންމާލެވިފައެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތުގައި ދުނިޔޭގެ އެންމެ ބޮޑެތި ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ "ކުއީންސް އޮފް ދި ނެދަލޭންޑްސް" އަދި "އޮރެންޖް" ބޭނުންކުރަމުންދާއިރު، މަސައްކަތް ވަރަށް ބާރުސްޕީޑުގައި ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. މި މަޝްރޫޢަކީ އެމްއޭސީއެލް އާ ހަވާލުކޮށްގެން، ސީއެމްސީސީ އަދި ބޮސްކާލިސް ކުންފުނި މެދުވެރިކޮށް ކުރިއަށްގެންދާ މަސައްކަތެކެވެ.
މަޝްރޫޢުގެ ތާވަލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، "އަންނަ އޭޕްރިލް މަހުގެ ނިޔަލަށް ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލެވޭނެ" ކަމަށެވެ. އަދި ސަރވޭގެ މަސައްކަތްތައް ނިންމުމަށްފަހު، އަންނަ ޖޫން މަހުގެ ތެރޭގައި ގޯތި ހަވާލުކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ގިރާވަރުފަޅުން ޖުމުލަ 4,072 ގޯތި ދޫކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، އައު ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ގުރުއަތުލުމުގެ ކަންކަން މިހާރު ވަނީ ކުރިއަށް ގެންގޮސްފައެވެ. މި މަޝްރޫޢަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެ މުހިންމު މަޝްރޫޢެކެވެ.

