ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން މިހާތަނަށް 35 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ހާމަކޮށްފިއެވެ. މި މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުން މިއަދު ވަނީ އެ ސަރަހައްދަށް ޒިޔާރަތް ކުރައްވާފައެވެ.
ގިރާވަރުފަޅުން ޖުމްލަ 167.5 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ ދަށުން ކުރިއަށްގެންދިޔަ ފުރަތަމަ ފިޔަވަހީގައި 70 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފައެވެ. ދެވަނަ ފިޔަވަހީގެ ދަށުން 97.15 ހެކްޓަރު ހިއްކުމަށް ކަނޑައަޅާފައިވާއިރު، މިހާތަނަށް ހިއްކުނު ބަޔާއެކު ޖުމްލަ 105 ހެކްޓަރުގެ ބިން ވަނީ ފެނުން މައްޗަށް ނަގާފައެވެ.
މި މަސައްކަތް ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާއިރު، ދުނިޔޭގެ ފާހަގަކޮށްލެވޭ ބޮޑު ދެ ޑްރެޖަރެއް މިވަގުތު ދަނީ ބޭނުންކުރަމުންނެވެ. އެއީ އެއްފަހަރާ 35,500 ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކޭ "ކުއީން އޮފް ނެދަލޭންޑްސް" އާއި 22,000 ކިއުބިކް މީޓަރު ހިއްކޭ "އޮރެންޖް" ނަމަކަށް ކިޔާ ޑްރެޖަރެވެ.
އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، ގިރާވަރުފަޅަކީ ބައެއް ސަރަހައްދުތަކުގައި 25 މީޓަރުގެ ފުންމިން ހުރި ތަނަކަށް ވުމުން ބިން ހިއްކުމަށް ވަގުތު ނަގާ ކަމަށެވެ. "މިތަނުގެ ފުންމިނުގައި އެބަ އުޅޭ ގާތްގަނޑަކަށް 25 މީޓަރު ބައެއް ތަންތަނުގައި، އެތަންތަނުގައި އަޅުގަނޑުމެން މިހާރު ގާތްގަނޑަކަށް 15 މީޓަރު އެ ހުރީ ހިއްކާފައި. ދެން ފެނުން މައްޗަށް އަރަން އޮންނާނީ 10 ވަރަކަށް މީޓަރު،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ރާއްޖޭގެ އާންމުކޮށް ހިއްކާ ސަރަހައްދުތަކަށްވުރެ މިތަން ފުން ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމަށްޓަކައި ބާރުސްޕީޑުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ބިން ހިއްކުމުގެ ބޮޑު ބައެއް ފެނިގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެއެވެ. މި މަޝްރޫއަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.


