ގދ. ފަރެސްމާތޮޑާގެ ބިން ހިއްކުމާއި، ބަނދަރު ތަރައްގީކުރުމުގެ އިތުރުން ދޯނި އެހެލާ ސަރަހައްދު ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މިމަސައްކަތް މިއަދު ރަސްމީކޮށް ފަށްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފެވެ.
މި މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު އަޝަރަފް ރަޝީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓަރަކްޗަރ އިސްމާއިލް ހަމީދު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޖަމްޝީދާއި، ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަހުމަދު އިމްތިޔާޒްގެ އިތުރުން އެކި މުއައްސަސާތަކުގެ އިސްބޭފުޅުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއުގެ ދަށުން 18 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 620 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއަކީ 142.67 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް 270 ދުވަސްތެރޭ ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ.
ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން 465,726 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅާއި ނެރު ފުންކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. މީގެ އިތުރުން އެއްގަމު ތޮށިލުމާއި، ރިވެޓްމެންޓް ޖެހުމާއި، ޖިއޯބޭގް ޖެހުމާއި، ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ. އަދި މި މަޝްރޫއުގެ ދަށުން 6 މީޓަރު ދިގު، 36 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއަކީ 226.18 މިލިއަން ރުފިޔާއަށް 780 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.
ދެހާސް މީހުންގެ އާބާދީއެއް އޮންނަ ފަރެސްމާތޮޑާ އަކީ މަސްވެރި ރަށަކަށް ވުމާއެކު، މިހާރު އޮތް ބަނދަރުގެ ދަތިކަމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ސަރުކާރުން ފެށި މި އާ ބަނދަރުގެ މަޝްރޫއާއެކު މިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. އަދި ބިން ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ވެސް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

