ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ގާނޫނުއަސާސީއަށް ގެންނަން ފާސްކޮށްފައިވާ އިސްލާހުގެ ސަބަބުން ރައްޔިތުންގެ ބައިވެރިވުން ދުސްތޫރީ ނިޒާމުގައި ބޮޑުވާނެކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ. ދިޔާނާ މިހެން ވިދާޅުވީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހާމެދު ގާނޫނީ އަދި ދުސްތޫރީ ނަޒަރަކުން އިލްމީ ބަހުސްކުރުމަށް ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުންނެވެ.
މި ފޯރަމްގައި ދިޔާނާ ވަނީ ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިސްލާހުން ލިބޭނެ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ދިޔާނާ ވިދާޅުވީ އިންތިހާބުތައް އެއްދުވަހެއްގައި ބޭއްވުމުން ސަރުކާރުގެ ވެރިން ރައްޔިތުންނާއި ބައްދަލުވާ މިންވަރު މަދުވާނެކަމަށް ބައެއް ފަރާތްތަކުން ބުނާއިރު، އެއީ ރަނގަޅު ވާހަކައެއް ނޫންކަމަށެވެ. ކޮންމެ ދުވަހަކުވެސް ރައްޔިތުންނާއި ސަރުކާރު ބައްދަލުވާން ޖެހޭކަމަށާއި، އެކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ނިޒާމަކީ ރައްޔިތުން އިންތިޚާބުކުރާ މަންދޫބުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ދިޔާނާ އިތުރަށް ވިދާޅުވީ މިހާރު އޮތް ނިޒާމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ބާރުތައް މުތްލަގަށް ސަރުކާރަށް ލިބޭތީ ރައްޔިތުންނާއި ސަރުކާރާއި ދެމެދު އޮންނަ ގުޅުން ކުޑަވެފައިވާ ކަމަށެވެ. “ނިޒާމުގައި އޮތް އުނިކަމަކީ ދެ އިންތިހާބު ދޭތެރޭގައި މުއްދަތެއް ދިއުން. އޭގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ މަޖިލިސް އިންތިހާބަށް ނިކުމެވަޑައިގަންނަވަނީ ދައުލަތުގެ ހުރިހާ ބާރެއް ހިއްޕަވައިގެން،” ދިޔާނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ބަލާއިރު ފެންނަނީ ހުރިހާ ޕާޓީތަކަށް ހަމަހަމަކޮށް ބެހިގެންދާ ތަންކަން ފާހަގަކުރައްވަމުން ދިޔާނާ ވިދާޅުވީ، ރިޔާސީ އިންތިހާބު އޮންނަ ދުވަހު މަޖިލިސް އިންތިހާބު ބާއްވައިފިނަމަ ސަރުކާރު ޖަވާބުދާރީކުރެވޭނެ މަޖިލީހެއް ލިބުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބަކީ އެންމެ ގިނަ ބަޔަކު ވޯޓްލާ އިންތިހާބަށް ވުމުން، އެ ދުވަހު މަޖިލިސް އިންތިހާބު ބޭއްވުމަކީ ޑިމޮކްރެޓިކް ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވެގެންދާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

