ގދ. ފަރެސްމާތޮޑާގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢު ރަސްމީކޮށް ފައްޓަވައިދެއްވީ ނައިބު ރައީސް އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަތީފެވެ.
މިކަމަށްޓަކައި އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ނައިބު ރައީސްގެ އަރިހުގައި، ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު އަޝްރަފު ރަޝީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިސްމާއީލް ހަމީދު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޖަމްޝީދު އަދި ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަޙްމަދު އިމްތިޔާޒު އާއި އެކި މުޢައްސަސާތަކުގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން 11.25 ކިލޯމީޓަރުގެ 36 މަގެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ތެރޭގައި މަގުތަކުގައި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، ސަރވިސް ލައިން އެޅުމާއި، ޕޭވްމަންޓް ހެދުމުގެ އިތުރުން، ދުއްވާ ސަރަޙައްދުތައް ތަރައްޤީކޮށް މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ސަރުކާރުން ޖުމްލަ 255.21 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި ބޮޑު މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވަނީ 1140 ދުވަހުގެ މުއްދަތެކެވެ. މިއީ ގާތްގަނޑަކަށް 2000 މީހުންގެ އާބާދީއެއް އޮންނަ ފަރެސްމާތޮޑާގެ ރައްޔިތުންނަށް ދިމާވެފައިވާ މަގުތަކުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ފެށި މަސައްކަތެކެވެ.
ފަރެސްމާތޮޑާގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދިފައި ނެތުމުގެ ސަބަބުން، ވިއްސާރަ މޫސުމުގައި ދަތުރުފަތުރުކުރުމަށާއި އާންމު ދިރިއުޅުމުގައި ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާންޖެހެއެވެ. ނަމަވެސް މި މަޝްރޫޢު ނިމުމުން އެ ރަށުގައި ޒަމާނީ ފެންވަރުގެ ރަނގަޅު މަގުތަކެއް ޤާއިމުވެގެންދާނެއެވެ.
ނައިބު ރައީސް އެ ރަށަށް ކުރެއްވި މި ދަތުރުފުޅުގައި މަގު ހެދުމުގެ މަސައްކަތުގެ އިތުރުން، ފަރެސްމާތޮޑާގެ ބިން ހިއްކުމާއި، ބަނދަރާއި، ދޯނި އެހެލާ ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްވެސް ވަނީ ފައްޓަވައިދެއްވާފައެވެ.

