ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް) އިން ށ. މިލަންދޫގައި އިމާރާތްކުރި އައު ފިއުލް ސްޓޭޝަން ރަސްމީކޮށް ހުޅުވައި، ޚިދުމަތް ދޭން ފަށައިފިއެވެ. މިއީ އެފް.އެސް.އެމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތެލުގެ ޚިދުމަތް ފުޅާކުރުމަށް ފަށާފައިވާ މަޝްރޫޢުގެ ދަށުން ހުޅުވުނު 5 ވަނަ ފިއުލް ސްޓޭޝަނެވެ.
އެފް.އެސް.އެމުން ހާމަކުރި ގޮތުގައި މިލަންދޫގައި މި ޚިދުމަތް ފެށުމަކީ އަތޮޅުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ވިއުގަ ފުޅާކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ސްޓޭޝަނަކީ ށ. އަތޮޅުގެ ރައްޔިތުންނަށް ބޭނުންވާ ތެޔޮ ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ޚާއްޞަކޮށްގެން ޤާއިމުކުރެވުނު މަރުކަޒެކެވެ.
ސަރުކާރުން މުޅި ރާއްޖޭގައި ތެޔޮ ލިބޭނެ އިންތިޒާމު ފަސޭހަކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 18 ފިއުލް ސްޓޭޝަން ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. މި މަޝްރޫޢުގެ މައިގަނޑު ސިޔާސަތަކީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ފިއުލް ސްޓޭޝަން ޤާއިމުކޮށް، ރައްޔިތުންނަށް ބޭނުންވާ ތެޔޮ ފަސޭހައިން ލިބޭނެ ގޮތް ހެދުމެވެ.
މި މަޝްރޫޢުގެ ދަށުން މިހާތަނަށް 5 ސަރަޙައްދެއްގައި ސްޓޭޝަންތައް ހުޅުވައި ޚިދުމަތް ދޭން ފަށާފައިވާއިރު، ބާކީ ހުރި ސްޓޭޝަންތަކުގެ މަސައްކަތްތައް ވެސް ރާއްޖޭގެ އެކި އަތޮޅުތަކުގައި ބާރުސްޕީޑުގައި ކުރިއަށްދާކަން އެފް.އެސް.އެމުން ފާހަގަކުރެއެވެ.
މި ހުރިހާ މަސައްކަތްތަކެއް ކުރިއަށްދަނީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ތެޔޮ ލިބުމުގެ ދަތިކަން ޙައްލުކޮށް، އެކަށީގެންވާ ހަރުދަނާ އިންތިޒާމެއްގެ ދަށުން ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ތަޞައްވުރާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

