ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން، ހއ. ވަށަފަރުގައި ޤާއިމުކުރި ލެބޯޓަރީގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. ވަށަފަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ.
މި ރަސްމިއްޔާތުގައި ވަށަފަރު ޞިއްޙީ މަރުކަޒުގެ އިސްވެރިންގެ އިތުރުން، ވަށަފަރު ކައުންސިލްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ވަށަފަރު ލެބޯޓަރީއަކީ މި ސަރުކާރުން ރަށްރަށުގައި ލެބޯޓަރީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޤާއިމުކުރި 16 ވަނަ ލެބޯޓަރީއެވެ.
މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު ރާއްޖޭގެ 76 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކޮށްފައެއް ނުވެއެވެ. ނަމަވެސް ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މި ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. ޞިއްޙީ ވުޒާރާއިން މިއަހަރަށް ކަނޑައަޅާފައިވާ އެންމެ ބޮޑު އެއް އަމާޒަކީ ވެސް ރާއްޖޭގެ ކޮންމެ ރަށަކުން ލެބޯޓަރީގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
ޚިދުމަތް އިފްތިތާޙް ކޮށްދެއްވުމަށްފަހު، ވަޒީރު ޢަބްދުﷲ ނާޒިމް ވަނީ ވަށަފަރު ޞިއްޙީ މަރުކަޒުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ޞިއްޙީ ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތަކާއި ކަންބޮޑުވުންތައް އޮޅުންފިލުއްވައި، އެކަންކަމަށް ޙައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
ވަޒީރު ހއ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ވަށަފަރުގެ އިތުރުން އެ އަތޮޅު އުތީމާއި މާރަންދޫގައި ވެސް ވަނީ ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. ސަރުކާރުން ބުނެފައިވަނީ ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރަނީ އަސާސީ ޚިދުމަތްތައް ދެވޭވަރަށް އިންސާނީ ވަސީލަތްތައް ވެސް ތަރައްޤީކުރުމަށްފަހު ކަމަށެވެ.

