ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކުގެ ތެރެއިން 10 އިންސައްތަ ޒުވާނުންނަށް އަދި 10 އިންސައްތަ އަންހެނުންނަށް ހާއްސަ ކުރެއްވުމަކީ އެމަނިކުފާނު ތާއީދުކުރައްވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ޒުވާނުންނާ ބައްދަލުކުރެއްވުމަށް “ޔޫތް ހަބް” ގައި ބޭއްވި “އެސްޕްރެސޯ ވިތު ރައީސް” ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ގައުމުގެ ތަރައްގީގައި ޒުވާނުންގެ ބައިވެރިވުން އޮތުމަކީ އެމަނިކުފާނުގެ ފަލްސަފާއެއް ކަމަށާއި، ގައުމުގެ ކަންކަން ބައްޓަންކުރުމުގައި ޒުވާނުންގެ ބަސް އިއްވުމުގެ ފުރުސަތު އޮންނަންވާނެ ކަމަށެވެ. މިހާރު އޮތް ނިޒާމުގެ ތެރެއިން މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އޮތް ނަމަވެސް، އިންތިޚާބުތަކުން ނުހޮވުމުގެ ސަބަބުން ޒުވާނުންގެ ތަމްސީލުވުން މަޖިލީހުގައި ކުޑަކަން ރައީސް ފާހަގަކުރެއްވިއެވެ.
މަޖިލީހުގެ ގޮނޑިތައް ކަނޑައެޅުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުނުވާނެ ގޮތަށް އިސްލާހުތަކެއް ގެންނަން ގަސްތުކުރައްވާ ކަމަށެވެ. “އަޅުގަނޑުގެ ވިސްނުމުގައި އޮތީ 10 އިންސައްތަ ޒުވާނުންނަށް. 10 އިންސައްތަ އަންހެން ބޭފުޅުންނަށް. މިހާރުގެ މަޖިލީހުގައި 93 މެންބަރުން އެބަތިބި. އޭގެ ތެރެއިން 9 މެންބަރުން ޒުވާން ބޭފުޅުންނަށް (30 އަހަރުން ދަށުގެ)، އަދި 9 މެންބަރުން އަންހެން ބޭފުޅުންނަށް ހާއްސަ ކުރެވިދާނެ،” ރައީސް ވިދާޅުވިއެވެ.
މިގޮތަށް ދާއިރާތައް ކަނޑައެޅުމުގައި އެންމެ އިންސާފުވެރި ގޮތަކީ ގުރުއަތުލައިގެން ދާއިރާތައް ކަނޑައެޅުން ކަމަށް ރައީސް ލަފާދެއްވިއެވެ. މި ބަދަލު ގެނައުމުގެ މަގްސަދަކީ ގައުމުގެ އެންމެ މުހިންމު މުއައްސަސާގެ ތެރޭގައި ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ހުށަހެޅުމަކީ މިވަގުތު މަޝްވަރާގެ މަރުހަލާގައި އޮތް ކަމެއްކަން ފާހަގަކުރައްވައި، މިކަމުގައި ޒުވާނުންނާއި އާންމު ރައްޔިތުންގެ ޚިޔާލު ހޯދަން ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ޒުވާނުން ސިޔާސީ ގޮތުން ބާރުވެރިކުރުވުމުގެ ގޮތުން މިއަހަރުގެ ތެރޭގައި “ޔޫތް ޕާލިމެންޓް” އަލުން ފައްޓަވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާން ކުރައްވާފައެވެ.

