ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން، އަގުހެޔޮކޮށް ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން ހުޅުމާލެ 3 ވަނަ ފިޔަވަހީގައި 1000 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ މެއި ނުވަތަ ޖޫން މަހު ފެށުމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ތައްޔާރުވާން ފަށައިފިއެވެ.
މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ޕެކޭޖެއްގައި 200 ޔުނިޓް ހިމެނޭހެން ޖުމްލަ 5 ޕެކޭޖަކަށް ބަހާލައިގެންނެވެ. ސަރުކާރުގެ މި ނިންމުމުގެ މައިގަނޑު ބޭނުމަކީ ވީހާވެސް ގިނަ ދިވެހި އަމިއްލަ ކުންފުނިތަކަށް މި މަސައްކަތުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. އެގޮތުން، އެއް ކުންފުންޏަކަށް ގިނަވެގެން ހަވާލުކުރެވޭނީ 400 ޔުނިޓުގެ މަސައްކަތް ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ. މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 31 ވަނަ ދުވަހެވެ.
މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ އެޕާޓްމަންޓްތައް ވިއްކޭނެ އެންމެ މަތީ އަގުތައް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އެގޮތުން 3 ކޮޓަރީގެ އެޕާޓްމަންޓެއްގެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާއެވެ. އަދި 2 ކޮޓަރީގެ އެޕާޓްމަންޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާއެވެ. ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް މި ފްލެޓްތަކުގެ މަސައްކަތް ނިންމައި އާންމުންނާ ހަވާލުކުރުމެވެ.
މީގެ އިތުރުންވެސް މާލެ ސަރަޙައްދުގެ އެކި ސަރަޙައްދުތަކުގައި ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫޢުތަކެއް ދަނީ ހިންގަމުންނެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރައްވާ ގޮތުގައި ހުޅުމާލެއާއި ވިލިމާލެ ހިމެނޭހެން 7900 ފްލެޓް ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވެސް އެކި މަރުޙަލާތަކުގައި ދަނީ ކުރިއަށެވެ.
މީގެ ތެރޭގައި ބީއެމްއެލް އެފޯޑަބަލްއިން އިމާރާތްކުރާ 3260 ހައުސިންގ ޔުނިޓްގެ ތެރެއިން ބައެއް މަސައްކަތްތައް ވަނީ ފެށިފައެވެ. އޭގެ ތެރޭގައި ހުޅުމާލެ 3 ވަނަ ފިޔަވަހީގައި އިމާރާތްކުރާ 1,224 ޔުނިޓާއި، ވިލިމާލޭގައި އިމާރާތްކުރާ 300 ޔުނިޓް ހިމެނެއެވެ. މީގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި 546 ޔުނިޓް އަދި ފޭސް 3 ގައި އިތުރު 1190 ހައުސިންގ ޔުނިޓް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

