ހުޅުމާލޭގައި ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، 1،100 އަށްވުރެ ގިނަ އުޅަނދު ޕާކު ކުރެވޭނެ ފެންވަރުގެ ޒަމާނީ ޕާކިން ބިލްޑިންގެ ބިންގާ މިއަދު އަޅައިފިއެވެ. ހުޅުމާލޭ ފޭސް 1 ގައި ތަރައްޤީކުރާ މި އިމާރާތަކީ ބޭސްމަންޓާއެކު ޖުމްލަ 13 ފަންގިފިލާގެ އިމާރާތެކެވެ.
މި ޕާކިން ބިލްޑިންގަކީ ދެ ފުރޮޅުލީ އުޅަނދާއި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ ތަނެކެވެ. އެގޮތުން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 600 އަށްވުރެ ގިނަ ޖާގަ އަދި ސައިކަލުތަކަށް 500 އަށްވުރެ ގިނަ ޖާގަ މި އިމާރާތުން ލިބިގެންދާނެއެވެ.
މި އިމާރާތުގެ ޚާއްސަ ސިފަތަކުގެ ތެރޭގައި، އުޅަނދުތައް އަރާ ފޭބުމަށް ބޭނުންކުރާ ރޭމްޕްގެ އިތުރުން ވެހިކަލް އެލިވޭޓަރުތައް ހިމެނެއެވެ. މިއީ އިމާރާތުގެ ތެރޭގައި ޓްރެފިކް ފްލޯ ރަނގަޅަށް ބެލެހެއްޓޭނެ ގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ ވަސީލަތްތައް ހިމެނޭ ބިނާއެކެވެ.
ޕާކިންގެ އިތުރުން، މި އިމާރާތުގައި އުޅަނދުތަކަށް ބޭނުންވާ އެކި ކަހަލަ ޚިދުމަތްތަކާއި، ވިޔަފާރި އައުޓްލެޓްތަކުގެ އިތުރުން އިލެކްޓްރިކް އުޅަނދުތައް ޗާޖުކުރެވޭނެ ފެސިލިޓީއެއްވެސް ހުންނާނެއެވެ. އަދި މީގެ އިތުރުން ކުޅިވަރު ކުޅޭނެ ފެސިލިޓީތައްވެސް މި އިމާރާތުގައި ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މާލެ ސަރަޙައްދުގެ ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ޖުމްލަ 7 ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ. މި ހުރިހާ ބިލްޑިންތައް ނިމުމުން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 2،600 އަށްވުރެ ގިނަ ޖާގަ އަދި ދެ ފުރޮޅުލީ އުޅަނދުތަކަށް 1،000 ޖާގަ އިތުރަށް ލިބިގެންދާނެއެވެ.

