ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ދެ ބޭފުޅުން ކަމަށްވާ، ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއް ޝަކޫރު ޢަބްދުﷲ އާއި ކައުންސިލް ޖެނެރަލް އަލްއުސްތާޛު ޙަސަން ޙަމީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރު މިއަދު ހުޅުވާލައިފިއެވެ.
ޢަބްދުއް ޝަކޫރު ޢަބްދުﷲ އަކީ ދިވެހި ދައުލަތަށް 43 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. އަދި އަލްއުސްތާޛު ޙަސަން ޙަމީދަކީ ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. މި ދެ ބޭފުޅުންގެ ވަކިވެދިއުމާ ގުޅިގެން ހުޅުވާލި މި ދަފުތަރުގައި ސޮއިކުރުން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ.
ތައުޒިޔާގެ ދަފުތަރުގައި ސޮއިކުރުމުގެ ފުރުޞަތު އެކި މުއައްސަސާތަކުގެ މުވައްޒަފުންނަށާއި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނަށް ވަނީ ވަކި ވަގުތުތަކެއްގައި ހަމަޖައްސާފައެވެ. އެގޮތުން އެހެނިހެން މުއައްސަސާތަކުގެ މުވައްޒަފުންނަށް ދަފުތަރުގައި ސޮއިކުރުމަށް ހުޅުވާލާފައި އޮންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނަށް ދަފުތަރުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ މެންދުރު 1:00 އިން ހަވީރު 4:00 އަށެވެ. މި ދަފުތަރު ބެހެއްޓިފައިވަނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގައެވެ.
ތައުޒިޔާގެ ދަފުތަރުގައި ސޮއިކުރައްވަން ބޭނުންފުޅުވާ ބޭފުޅުން، ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ވަޑައިގަތުމުން އެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވައެވެ.

