އޮސްޓްރިއާގެ ގައުމީ އެއާލައިން، އޮސްޓްރިއަން އެއާލައިންސްއިން ދިވެހިރާއްޖެއަށް ދަތުރުތައް ފެށިތާ 30 އަހަރު ފުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފިއެވެ.
މި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ވީއައިއޭއިން ވަނީ ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، އޮސްޓްރިއަން އެއާލައިންސްގެ ފްލައިޓުން ރާއްޖެއިން ފުރި 324 ފަސިންޖަރުންނަށް ވަނީ ހަނދާނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރިކުރި އެ އެއާލައިންގެ ފްލައިޓުން ރާއްޖެ އައި 328 ފަސިންޖަރުންނަށް ވަނީ ބޮޑުބެރާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.

އޮސްޓްރިއަން އެއާލައިންސްއިން ރާއްޖެއަށް ދަތުރުތައް ފެށިތާ 30 އަހަރު ފުރުން، ވީއައިއޭއިން ކުލަގަދަކޮށް ފާހަގަކުރުމުގެ ތެރެއިން
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނި ގޮތުގައި، މިއީ އޮސްޓްރިއަން އެއާލައިންސްއާއި އެ ކުންފުންޏާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. އޮސްޓްރިއަން އެއާލައިންސްއިން ފާއިތުވި 30 އަހަރު ދުވަހު މެދުކެނޑުމެއްނެތި ރާއްޖެއަށް ދަތުރުތައް ކުރުމުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ވަނީ އިތުރަށް ހަރުދަނާވެފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، އޮސްޓްރިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު މާކެޓެކެވެ. މިއަހަރުގެ ފުރަތަމަ ދެ މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރޭގައި އޮސްޓްރިއާ ހިމެނެނީ 12 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމުގެ ގޮތުގައެވެ. އެގޮތުން، މިއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އެ ގައުމުން 9,041 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

