ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ރޭސިން ޓްރެކް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ “ސަންގުޓީވީ” އިން އިންތިޒާމުކޮށްގެން ރޭ ބޭއްވި “އެސްޕްރެސޯ ވިތު ރައީސް” ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ޓްރެކް ތަރައްގީ ކުރާނީ ސިނަމާލެ ބްރިޖާ ގުޅޭ ހަލިމަގުގެ ބޭރުން ބިން ހިއްކައިގެންނެވެ. މިއީ ބައިނަލްއަގްވާމީ ރޭސިން އަދި ޑްރިފްޓިން މުބާރާތްތައް ބޭއްވޭނެ ފެންވަރަށް ތަރައްގީކުރާ ތަނެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި މަޝްރޫއުގެ ދަށުން ހަލިމަގުގެ ބޭރުން ތޮއްޓެއްލައި، ސެކިއުއާ ކުރުމަށްފަހު ބިން ހިއްކުމަށް ވަނީ ނިންމާފައެވެ.
މި މަޝްރޫއާ ގުޅޭގޮތުން އިތުރު ތަފްސީލް ދެއްވަމުން ރައީސް ވިދާޅުވީ، “މި މަޝްރޫއަށް މިހާރު ވަނީ ފައިސާ ހަމަޖެހިފައި. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެ މަސައްކަތް ކުރިޔަށް ގެންދާނެ،” ކަމަށެވެ. އަދި މި ސަރަހައްދަށް ކިޔަނީ “ހުޅުމާލެއަށް ދާ ހައިވޭ” ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިއީ ޒުވާނުންނަށް ހާއްސަކޮށް، ކުޅިވަރުގެ ދާއިރާއިން ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދިނުމަށް ހިންގާ ވަރަށް އުފާވެރި މަޝްރޫއަކަށް ވާނެ ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން ރޭސިން އާއި ޑްރިފްޓިންއަށް ލޯބިކުރާ ޒުވާނުންނަށް ރައްކާތެރި މާހައުލެއްގައި އެ ކުޅިވަރުތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިހާރު ރާއްޖޭގެ ޑްރިފްޓިން ކޮމިއުނިޓީން މި ހަރަކާތްތައް ކުރިއަށް ގެންދަނީ ހުޅުމާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގެ ބޮޑެތި މަގުތަކުގައެވެ. ވަކިން ހާއްސަކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތަކުގައި މިފަދަ އިވެންޓުތައް ބާއްވަމުންދާއިރު، އާ ޓްރެކާއެކު މިކަމަށް ދާއިމީ އަދި ރައްކާތެރި ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

