ރާއްޖެއަށް ދަތިކަމެއް ނެތި ބޭހާއި ކާބޯތަކެތި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރައްވާ މަސައްކަތްތަކުގެ މަޢުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ތެލާއި، ބޭސް ފަދަ ޒަރޫރީ ސާމާނުތައް މެދުނުކެނޑި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އިތުރު މަގުތައް ހޯދުމުގެ މަސައްކަތް ބައެއް ޤައުމުތަކާއެކު ފަށާފައިވާ ކަމަށެވެ. މިގޮތުން، މިކަމަށް ޚާއްސަ ޓީމެއް ދާދިފަހުން ސްރީލަންކާގެ ކޮލަމްބޯއަށް ގޮސް މުހިއްމު މަޝްވަރާތަކެއް ކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އިޤްތިޞާދަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި ސަރުކާރުން މިހާރުވެސް ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، އިސްކަންދޭ ދާއިރާތަކަށް މުހިއްމުކަން ދީގެން ޚަރަދުތައް ރިވިއުކޮށް، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާ ކަމަށް ޑރ. ޚަލީލް ވިދާޅުވިއެވެ.
ސަރަޙައްދީ ހަމަނުޖެހުންތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، “ގަލަފް ސަރަޙައްދުގެ ވައިގެ ސަރަޙައްދު ބަންދުކުރުމާ ގުޅިގެން ދިމާވާ މައްސަލަތައް ދެނެގަނެ އެކަމުގެ ފިޔަވަޅުތައް އަޅަމުންދަނީ. ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ އިތުރުން ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާއަށް ބޭނުންވާ ބައެއް ސާމާނުތައް ލިބުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް އަވަސް ޙައްލެއް ހޯދައިދިނުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުން.” ކަމަށެވެ.
މީގެ އިތުރުން، މެދުއިރުމަތީގައި ދިރިއުޅޭ ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ސަރަހައްދުގައި ހުރި ދިވެހި އެމްބަސީތަކުން ކޮންމެ ދުވަހަކުވެސް ދިވެހިންގެ ހާލަތު ބަލަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ހަމަލާތައް އައިސްދާނެ ކަމަށް ބެލެވޭ ނުރައްކާތެރި ސަރަޙައްދުތަކުގައި ތިބި ދިވެހިން މިހާރު ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށްވެސް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.

