ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ރެފަރެންޑަމް ވޯޓުގައި އެމްޑީޕީގެ އަހުމަދު ނިޔާޒް (ނިޔާ) ޕީއެންސީއާ އެކު މަސައްކަތް ކުރައްވަން ނިންމެވި ނިންމުމަކީ އެ ޕާޓީއަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ކުރިއަށް އޮތް އިންތިހާބު ތަކާއި ގުޅިގެން ކޮންގްރެސް ޕާޓީން ސިލްސިލާކޮށް ކުރިއަށް ގެންދާ ކެމްޕެއިން ޑޯޓުޑޯ ހަރަކާތުގެ ތެރެއިން ދެއްވި ބަސްދީގަތުމެއްގައެވެ. އެމްޑީޕީގެ މެންބަރު ނިޔާ ވަނީ ރިފަރެންޑަމް ވޯޓާ އެއްކޮޅަށް ސަރުކާރު ހިންގާ ޕީއެންސީއާ ގުޅިގެން މަސައްކަތް ކުރައްވަން ނިންމަވާފައެވެ.
އެގޮތުން ރައީސް ވިދާޅުވީ، އެންމެންވެސް ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ ތެރޭގައި އިސްކޮށް، ރައްޔިތުުންނަށްޓަކައި ހިދުމަތްކުރައްވާފައިވާ އަދި ރައްޔިތުން ބަލައިގަނެފައިވާ ބޭފުޅެއް ކޮންގްރެސް ޕާޓީއަށް ތާއިދު ދެއްވާ މަސައްކަތް ކުރައްވަން ނިންމެވުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.
“މިއާއެކީގައި އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ ގޮތުގައި ހަމަ އެންމެނެްވެސް ގަބޫލުކުރާނެ އެމްޑީޕީގެ ތެރޭގައި އިސްކޮށް، ގައުމީ ވިސްނުމުގައި، ގައުމަށްޓަކައި ރައްޔިތުންނަށްޓަކައި ހިދުމަތްކުރައްވާފައިވާ އަދި ރައްޔިތުން ވަރަށް ބަލައިގެންފައިވާ ބޭފުޅެއް، ހާއްސަކޮށް ރައްޔިތުން ގަބޫލުކުރައްވާ ޝަހުސިއްޔަތެއް. އެހެންވީމާ، ތިފަދަ ބޭފުޅެއް އަޅުގަނޑުމެންނާ އެކީގައި މި މަގުސަދުގައި އަޅުގަނޑުމެން ކުރާ މި މަސައްކަތުގައި ތާއީދުދެއްވަން ނިންމެވުމަކީ އަޅުގަނޑަށް އަދި އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް އަދި ވަރަށް ބޮޑު ފަހުރެއް” ރައީސް ވިދާޅުވިއެވެ.
އިދިކޮޅު އެމްޑީޕީން ރިފަރެންޑަމް ވޯޓާ ދެކޮޅަށް ކެމްޕެއިންތައް ކުރިއަށް ގެންދާ މި ދަނޑިވަޅުގައި އެމްޑީޕީގެ މެންބަރެއް މި ވަނީ ފާޅުގައި ރިފަރެންޑަމް ވޯޓު ނަގަން ފެންނަ ކަމަށް ވިދާޅުވެފައެވެ. ނިޔާގެ މި ނިންމެވުމަށް ރައީސް ވަނީ ތަކުރާރުކޮށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ.
ނިއު ރޭޑިއަންޓާއި ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ޑިފެންޑަރު ނިޔާ އަކީ މީގެ ކުރިން މާލެ ސިޓީ ކައުންސިލްގައި ވެސް މަސައްކަތް ކުރައްވައި، ރައްޔިތުންގެ މެދުގައި މަގުބޫލުކަން ހޯއްދަވާފައިވާ ބޭފުޅެކެވެ.

