ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނަށް ދޭން ފެށި ހަމަލަތަކާއެކު މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ކުރިމަތިވި ލޮޅުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ކާމިޔާބީތައް ލިބެމުންދާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ވަޒީރުންގެ މަޖިލީހުގެ ޚާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އަމީން ވިދާޅުވީ ރާއްޖެއަށް އަންނަ 99 އިންސައްތަ ފަތުރުވެރިންނަކީ ވައިގެ މަގުން އަންނަ ފަތުރުވެރިންނަށްވާއިރު، މެދުއިރުމަތީގެ ހަމަނުޖެހުންތަކާއެކު ވައިގެ ދަތުރުފަތުރަށް އައި ލޮޅުމާއެކު ރާއްޖެއަށް ގިނަ ގެއްލުންތަކެއް ކުރިމަތިވި ކަމަށެވެ. އެގޮތުން ފްލައިޓުތައް ކެންސަލްވެ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވަމުން ދިޔަ ނަމަވެސް، ވުޒާރާތައް ގުޅިގެން ކުރަމުން އަންނަ މަސައްކަތުން މިހާރު ކާމިޔާބީތައް ލިބެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިހާތަނަށް ކުރެވުނު މަސައްކަތުން އެއާ އިންޑިއާ، އެރޯފްލޮޓް އަދި އެއާ އޭޝިއާގެ ކެޕޭސިޓީ ބޮޑުކުރުމުގައި ކާމިޔާބީތަކެއް ލިބިފައިވާ ކަމަށެވެ. އަދި މެދުއިރުމަތީގެ އެއާލައިންތަކުން މަދު ވަގުތުތަކަކަށް އޮޕަރޭޓް ކުރި ނަމަވެސް، ރާއްޖޭން ކުރި މަސައްކަތުން އެމިރޭޓްސް، އިއްތިހާދު އަދި ފްލައި ދުބާއީން ރާއްޖެއަށް އެވްރެޖުކޮށް ދުވާލަކު ދެ ފްލައިޓު ބާއްވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
“އެ ބޭފުޅުންގެ އޮޕަރޭޝަންސް ރޭޝިއޯއިން ބަލާކަމަށްވަންޏާމުން އެހެން ޤައުމުތަކާ އަޅާބަލާއިރު އަޅުގަނޑުމެންނަށް އެބަހުރި އޭގައި ވަރަށް ބޮޑު ކުރިއެރުންތަކެއް. އިރާދަކުރެއްވިއްޔާ އޭޕްރިލް މަހުގެ 9 އިން ފެށިގެން ޤަތަރު އެއަރވޭސްވެސް ދުވާލަކު ފްލައިޓެއް އޮޕަރޭޓް ކުރައްވަން ފައްޓަވާނެ. އެ ޝެޑިއުލްވެސް އަޅުގަނޑުމެންނަށް މިހާރު ކޮންފާމް ކުރެވިއްޖެ،” ވަޒީރު އަމީން ވިދާޅުވިއެވެ.
މީގެ އިތުރުން ބެލަރޫސްގެ ބެލަވޭރިއާ އެއަރލައިންސްގެ ދަތުރުތައް ފެށުމަށް ވާންޖެހޭ އިދާރީ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާ ކަމަށާއި، އޭޕްރިލް މަހަށްފަހު އެރޯފްލޮޓުން ހަފުތާއަކު އިތުރު 3 ދަތުރު ބާއްވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަށް މިހާރު އަންނަ ފްލައިޓުތަކުގެ ބުކިން ލޯޑު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ކުރިން ފްލައިޓުތަކުގެ ބުކިން ލޯޑު އެވްރެޖުކޮށް 50 އިންސައްތައިގައި ހުރި ނަމަވެސް، މިހާރު އެ އަދަދު 75 އިންސައްތައަށް އުފުލިފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު ވިދާޅުވިއެވެ.

