ރާއްޖެ އަންނަ ފަތުރުވެރިންނަށް ވިސާގެ މުއްދަތު އިތުރުކުރުމުގައި މިހާރު ހުރި ދަތިތައް ހައްލުކޮށް، ފަސޭހަ އިންތިޒާމްތަކެއް އަންނަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާ އަސަރު ކުޑަކުރުމަށް އެކުލަވާލާފައިވާ ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ފަތުރުވެރިންނަށް ދޫކުރާ 30 ދުވަހުގެ ވިސާގެ މުއްދަތު އިތުރުކުރަންޖެހޭ ހާލަތްތަކުގައި އެކަން ފަސޭހައިން ކުރެވޭނެ ގޮތް ހެދުމަށް އިމިގްރޭޝަނާއެކު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ވިސާ އިތުރުކުރުމުގެ އާ އިންތިޒާމާ ބެހޭގޮތުން ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، “ކުރީގަ އޮންނަ ދިގު މުއްދަތު އަދި ހުށަހަޅަންޖެހޭ ބައިވަރު ޑޮކިއުމަންޓްސްތައް ހުށަނާޅާ، އެބޭފުޅުންގެ އޮންލައިން ޕްލެޓުފޯމުން، ވިސާ ފޮޓޯ އެޕްލައިކޮށް، ފައިސާ ދެއްކީމަ، 48 ގަޑިއިރުތެރޭގައި ވިސާ އެކްސްޓެންޑުކުރެވިގެންދާނެ،” ކަމަށެވެ.
މެދުއިރުމަތީގެ މަޝްރަހަށް އަލިއަޅުއްވާލައްވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ގާތްގަނޑަކަށް 30 އިންސައްތަ ފަތުރުވެރިންނަކީ މެދުއިރުމަތީގެ އެއާލައިންތަކުން ދަތުރުކުރާ ފަރާތްތަކެވެ. އެހެންކަމުން މިފަދަ ލުއިތަކަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭނެ ކުރިއެރުމެއް ކަމަށް ބެލެވެއެވެ.
މީގެއިތުރުން، ރިމޯޓްކޮށް މަސައްކަތްކުރާ ފަރާތްތަކަށާއި (Remote Workers) ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްޞަ ވިސާއެއް ތަޢާރަފްކުރުމުގެ މަސައްކަތް ކުރަމުންދާކަންވެސް ވަޒީރު ވަނީ ހާމަކުރައްވާފައެވެ. މި ބަދަލުތަކުގެ ސަބަބުން ޚާއްޞަކޮށް ގެސްޓްހައުސް ވިޔަފާރިތަކަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

