ރާއްޖެއަށް ބޭނުންވާ މުދާ އެތެރެ ކުރުމަށްޓަކައި އިތުރު މަގުތައް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުން އުއްމީދީ ކާމިޔާބީތަކެއް ފެންނަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ސަރުކާރުން ދަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، އަސާސީ ކާބޯތަކެއްޗާއި އެހެނިހެން މުހިންމު ބާވަތްތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އިސްކަމެކެވެ. މިގޮތުން، މިދިޔަ މާރިޗު މަހުގެ 4 ވަނަ ދުވަހުން ފެށިގެން ޔޫއޭއީ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ މާކެޓްތަކުގެ އިތުރުން އައު މާކެޓްތައް ހޯދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، “ރާއްޖެއަށް އެންމެ ގިނައިން އަސާސީ މުދާ އެތެރެ ކުރާ ޤައުމުތަކަށް ބަލައި އެ ބާވަތްތައް އެހެން މާކެޓްތަކުން އެތެރެ ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުން. އޭގެތެރޭގައި އިންޑިއާ، ޗައިނާ، ތައިލޭންޑް، މެލޭޝިއާ، ވިއެޓްނާމް، އިންޑޮނޭޝިއާ ފަދަ ޤައުމުތައް ހިމެނޭ.” މިވަގުތު ވިޔަފާރީގެ ގުޅުން ކުޑަ ބައެއް ޤައުމުތަކާއެކުވެސް ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އިމާރާތް ކުރުމުގެ ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި އެސްޓީއޯ މެދުވެރިކޮށް ކަނޑުމަގުން މުދާ އުފުލާ ފަރާތްތަކާ މަޝްވަރާކޮށް، މުދާ ލިބުމުގައި ހުރި ދަތިތައް ނައްތާލުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ.
ކުރިއަށް އޮތް ތަނުގައި ތެޔޮ ރައްކާކުރާނެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ރާވާފައިވާ ކަމަށާއި، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތައް ސަރުކާރުން ވަރަށް ގާތުން މޮނިޓަރ ކުރަމުންދާނެ ކަމުގެ ޔަގީންކަން ވަޒީރު ސަޢީދު ވަނީ ދެއްވާފައެވެ.

