މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރަމަޟާން މަހުގެ ފަހު 15 ގައި ޢުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ޢުމްރާވެރިން ރާއްޖެ އައުމަށް ފުރައިފިއެވެ. މި ގްރޫޕުގައި 300 އަށްވުރެ ގިނަ ޢުމްރާވެރިން ހިމެނޭއިރު، މި ފަރާތްތައް ދަތުރުކުރާ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސާނެ ކަމަށް ލަފާކުރެވެނީ މިރޭ ދަންވަރު 1:40 ހާއިރުއެވެ.
ޙައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ރަމަޟާން މަހުގެ ފަހު 15 ގައި ޢުމްރާގެ އަޅުކަމަށް ޖުމްލަ 316 ޢުމްރާވެރިން މައްކާއަށް ގޮސްފައިވެއެވެ. މި ފަރާތްތަކުން ވަނީ ރަމަޟާން މަހުގެ ފަހު 15 އާއި ޝައްވާލު މަހުގެ 6 ރޯދައިގެ އަޅުކަން ފުރިހަމަކުރުމަށްފަހު އެނބުރި ރާއްޖެ އައުމަށް ފުރާފައެވެ.
މި ދަތުރުގެ ތެރޭގައި ޢުމްރާވެރިން ވަނީ މައްކާއާއި މަދީނާގައި ހުރި އިސްލާމީ ތާރީޚާ ގުޅުންހުރި މުހިއްމު ބިނާތަކަށާއި ތަންތަނަށް ޒިޔާރަތްކޮށްފައެވެ. މީގެ އިތުރުން، ޢުމްރާވެރިން ވަނީ ޠާއިފަށްވެސް ޒިޔާރަތްކޮށް އެތަނުގެ ތާރީޚީ ތަންތަން ބަލާލާފައެވެ.
މިއަހަރުގެ ރަމަޟާން މަހު ޢުމްރާއަށް މީހުން ގެންދިއުމަށް ޙައްޖު ކޯޕަރޭޝަނުން ކުރިއަށްގެންދިޔަ އޮޕަރޭޝަނަކީ އިންތިޒާމުތައް އެންމެ ރަނގަޅު އަދި އެންމެ ގިނަ ޢުމްރާވެރިންނަށް ޚިދުމަތް ފޯރުކޮށްދެވުނު އަހަރު ކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ. ޖުމްލަ ގޮތެއްގައި މިއަހަރު އެ ކޯޕަރޭޝަންގެ ހަވާލުގައި 600 އަށްވުރެ ގިނަ ޢުމްރާވެރިން މައްކާއަށް ގޮސްފައިވެއެވެ.
މި އަހަރު ޢުމްރާއަށް ދިޔަ މީހުންގެ ތެރޭގައި މުޅި ރަމަޟާން މަހު ޢުމްރާގައި ތިބި މީހުންނާއި ފަހު 15 ގެ ޢުމްރާވެރިން ހިމެނެއެވެ. މީގެ އިތުރުން، އެހެން ގްރޫޕަކަށް ޢުމްރާއަށް ދިއުމަށް ފައިސާ ދެއްކުމަށްފަހު އެ ގްރޫޕުން ޚިޔާނާތްތެރިވުމުގެ ސަބަބުން ޢުމްރާއަށް ނުދެވި ތިބި 40 އަށްވުރެ ގިނަ މީހުންނަށްވެސް ޙައްޖު ކޯޕަރޭޝަންގެ އެހީތެރިކަމާއެކު މިއަހަރު ވަނީ ޢުމްރާގެ ފުރުޞަތު ފަހިކޮށްދީފައެވެ.

