ފުވައްމުލަކު ސިޓީ ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އޮޕަރޭޝަން ދާއިރާގެ މަލްޓި-ޑިސިޕްލިނަރީ ޓީމަކުން އެ ހޮސްޕިޓަލަށް ދެ ދުވަހުގެ ރަސްމީ ޒިޔާރަތެއް ފަށައިފިއެވެ.
އައިޖީއެމް ހޮސްޕިޓަލުން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، މި ޒިޔާރަތަކީ ޞިއްޙީ ވުޒާރާއާއި، ފުވައްމުލަކު ސިޓީ ހޮސްޕިޓަލް އަދި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ގުޅިގެން ސަރުކާރުގެ ޞިއްޙީ ސިޔާސަތުގެ ދަށުން އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ޓާޝަރީ ފެންވަރަށް މަތިކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
މި ޓީމުގައި ހިމެނެނީ ސީނިއަރ ސާރޖަނުންނާއި، އެނެސްތީޒިއޮލޮޖިސްޓުންގެ އިތުރުން އޮޕެރޭޝަން ތިއޭޓަރަށް ޚާއްޞަ ތަޖުރިބާކާރު ނަރުހުންނެވެ. މި ޓީމުގެ މައިގަނޑު މަޤްޞަދަކީ ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގައި މިހާރު ދެމުންދާ އޮޕެރޭޝަންގެ ޚިދުމަތްތައް ޒަމާނީ ވަސީލަތްތަކާއެކު އިތުރަށް ހަރުދަނާ ކުރުމަށް ބޭނުންވާ ފަންނީ ލަފާދިނުމެވެ.
މި ދަތުރުގެ ތެރެއިން އޮޕަރޭޝަން ދާއިރާ ތަރައްޤީ ކުރުމަށް ބޭނުންވާ މުހިންމު ކަންކަން ފާހަގަކޮށް، ޚާއްޞަ ރިޕޯޓެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ. މި ރިޕޯޓު ކަމާބެހޭ އިދާރާތަކާ ޙިއްސާކޮށް، ކުރިއަށް އޮތް ތަނުގައި ގެންނަންޖެހޭ ބަދަލުތައް ތަންފީޒު ކުރުމަށް މަގުފަހިވެގެންދާނެއެވެ.
ފުވައްމުލަކު ސިޓީގެ ޓާޝިއަރީ ހޮސްޕިޓަލް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. ރައީސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައިވަނީ، ޓާޝިއަރީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ މެއި ނުވަތަ ޖޫން ހިސާބުގައި ފެށިގެންދާނެ ކަމަށެވެ.
މީގެ އިތުރުން، ޓާޝިއަރީ ހޮސްޕިޓަލުގެ މުޅި މަޝްރޫޢު ނިމުމުގެ ކުރިންވެސް، ހޮސްޕިޓަލުން ދެވެން ހުރި އެހެނިހެން ޚިދުމަތްތައް ފުޅާކޮށް ރައްޔިތުންނަށް ފޯރުކޮށްދޭން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޔަޤީންކަން ދެއްވާފައެވެ.

