މާލެ ސިޓީގެ މޭޔަރުކަމަށް ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، މޫސާ ޢަލީ ޖަލީލު ހޮވުމަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) ތާއީދުކުރައްވައި އެކަން ހާމަކުރައްވައިފިއެވެ.
މޫސާ ޢަލީ ޖަލީލް މިއަދު ވަނީ އުއްޗުގެ އަރިހަށް ޗަމްޕާ ގިރިއަށް ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުވުމުގައި އުއްޗު ވަނީ މޫސާ ޖަލީލް އެންޑޯޒްކުރައްވައި، މާލެ ސިޓީގެ މޭޔަރުކަމަށް އޭނާ އިންތިޚާބު ކުރުމަށް ތާއީދުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި މި އިންތިޚާބުގައި މޫސާ ޢަލީ ޖަލީލަށް ވޯޓު ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ވެސް އުއްޗު ވަނީ ދެއްވާފައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އުއްޗު ވިދާޅުވީ، މާލެ ސިޓީގެ މޭޔަރުކަމަށް މިފަހަރު ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ޤައުމީ ޚިދުމަތުގެ އެންމެ ފަޚުރުވެރި ރެކޯޑެއް އޮތް ބޭފުޅަކީ މޫސާ ޢަލީ ޖަލީލު ކަމަށެވެ. ވަކިން ޚާއްޞަކޮށް ސިފައިންގެ ޚިދުމަތުގައި ކެރުމާއި ހިތްވަރާއި ރީތި ނަމޫނާ ދައްކަވާފައިވާ މޫސާ ޢަލީ ޖަލީލް ފަދަ ބޭފުޅުންގެ ޚިދުމަތް މި ޤައުމަށް ބޭނުންވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އުއްޗު އިތުރަށް ވިދާޅުވީ، ޤައުމީ ޚިދުމަތުގައި ރައްޔިތުންގެ އިތުބާރު ހޯއްދަވާފައިވާ ބޭފުޅުން ޤައުމުގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބެވުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ކަމަށާއި، އެކަމަށް އަބަދުވެސް އިސްކަން ދެއްވާނެ ކަމަށެވެ. މި ބައްދަލުވުން ނިންމަވާލައްވަމުން މޫސާ ޢަލީ ޖަލީލް ވަނީ އޭނާއަށް ދެއްވި ދަޢުވަތަށާއި، އިންތިޚާބުގައި ދެއްވި ތާއީދަށްޓަކައި އުއްޗުއަށް ޝުކުރު އަދާކުރައްވާފައެވެ.
ދިވެހި ފަތުރުވެރިކަމުގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އުއްޗު، ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓަށް ތާއީދުކުރައްވަން ނިންމެވި އިރު، ރާއްޖޭގެ ސިޔާސީ މައިދާނުގެ ގިނަ އިސް ބޭފުޅުންތަކެއް ދަނީ މޫސާ ޢަލީ ޖަލީލަށް ތާއީދުކުރައްވަމުންނެވެ. މާލޭގެ ރައްޔިތުން އެދޭ ބަދަލު ގެނެސްދެވޭނީ މޫސާ ޢަލީ ޖަލީލަށް ކަމަށް ވިދާޅުވެ، ގިނަ ބަޔަކު އަންނަނީ އޭނާގެ ފަހަތްޕުޅަށް އަރަމުންނެވެ.

