ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އާސަންދަ މެދުވެރިކޮށް އެމްބިއުލާންސްގެ ޚިދުމަތް ނުލިބުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއް ކަމަށެވެ. އަދި މި ބަދަލު ގެނައުމަށް ނިންމީ ފަންނީ އަދި މާލީ ގޮތުން ބަލަންޖެހޭ ކަންކަމަށް ރިއާޔަތްކޮށް، ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ލިބޭނެ ހާލަތްތައް
އޭޕްރީލް 1 އިން ފެށިގެން އާސަންދަ މެދުވެރިކޮށް އެމްބިއުލާންސްގެ ޚިދުމަތް ލިބޭނެ ހާލަތްތަކުގެ ތެރޭގައި ހިމެނެނީ:
- އިމަޖަންސީގައި ބަލިމީހަކު އުފުލާ ހާލަތްތައް
- މައްޔިތުން އުފުލުމަށް ބޭނުންވާ ހާލަތްތައް
- އެނދުމަތިވެފައިވާ ބަލިމީހުން އުފުލާ ހާލަތްތައް
- ވީލްޗެއާ ބޭނުންކުރާ މީހުން އައުޓްޕޭޝަންޓް ފަރުވާއަށް ގެންދާ ހާލަތްތައް
- ޖިސްމާނީ އަދި ނަފުސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ފަރުވާއަށް ގެންދާ ހާލަތްތައް
- ސިއްހީ މަރުކަޒެއްގައި އެނދުމަތިކޮށްފައިވާ މީހަކު އެހެން ތަނަކަށް ބަދަލުކުރަންޖެހޭ ހާލަތްތައް
- ރާއްޖެއިން ބޭރަށް ފަރުވާއަށްދާ މީހުން ޖެޓީއަށް ނުވަތަ އެއާޕޯޓަށް ގެންދާ ހާލަތްތައް
- ތެލެސީމިއާ ބަލިމީހުން އައުޓްޕޭޝަންޓް ފަރުވާއަށް ގެންދާ ހާލަތްތައް
މި ނިންމުމާ ގުޅޭގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، “މިއީ ވަރަށް ގިނަ ދުވަހު އަޅުގަނޑުމެން މަޝްވަރާކޮށް، އެކަމާ ގުޅޭ ގޮތުން ޓެކްނިކަލް ލެވެލްގައި އެކަމުގެ ފައިނޭންޝަލް ނުވަތަ ބަޖެޓަރީ އިމްޕްލިކޭޝަންސް އަދި އޮޕަރޭޝަނަލް އޭންގަލްއިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ނިންމި ނިންމުމެއް. އަޅުގަނޑު ޔަގީންކުރަނީ މިކަމުގެ ސަބަބުން ރައްޔިތުންނަށް ލުއިތަކެއް ލިބޭނޭ،” ކަމަށެވެ.
ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އަންނަނީ ސިއްހީ ރައްކާތެރިކަމުގެ ނިޒާމު ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މީގެ ކުރިން އާސަންދަ ނުލިބޭ އައިވީއެފް ފަރުވާ ފަދަ މުހިންމު ޚިދުމަތްތައް ވެސް މިހާރު ވަނީ އާސަންދައިގެ ދަށުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައެވެ.

