މާލޭ ސަރަހައްދުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، އެ ގޯތިތައް ދޫކޮށްލުމަށްފަހު ފުލެޓަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި މި ނިންމެވުން ނިންމެވީ އަމިއްލައަށް ގޯތީގައި ގެދޮރު އެޅުމަށް ބޮޑެތި ދަތިތަކެއް ހުރި ކަމަށް ބުނެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.
ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުން ގޯތި ލިބިފައިވާ މީހުންގެ ތެރޭގައި، ވަކިން ނުވަތަ ޖޮއިންޓްކޮށް ގޯތި ލިބިފައިވާ ނިކަމެތި ރައްޔިތުން ގިނަ އަދަދަކަށް ތިބިކަން ރައީސް ފާހަގަކުރެއްވިއެވެ. އެފަދަ ތަންތަނުގައި އަމިއްލައަށް އިމާރާތްކުރުމަށް ވަގުތާއި ބޮޑު ހަރަދެއް ހިނގާނެތީ، މިހާރު ސަރުކާރުން އަޅަމުންދާ ފުލެޓުތަކަށް ބަދަލުވުމުގެ ފުރުސަތަށް ގިނަ ބަޔަކު އެދެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ފުރުސަތު ހުޅުވާލުމަށްޓަކައި ކުރިއަށް އޮތް ދެ ހަފުތާ ނުވަތަ ތިން ހަފުތާގެ ތެރޭގައި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. ނަމަވެސް، މިގޮތަށް ފުލެޓަށް ކުރިމަތިލެވޭނީ ކުރިން ލިބިފައިވާ ގޯތި ދޫކޮށްލުމަށް އެއްބަސްވާ ފަރާތްތަކަށެވެ. އަދި އުސޫލުތައް އެކަށައެޅުމުގައި، އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައި ނެތް މީހުންނާއި ގޯތި ލިބިފައިވާ މީހުންގެ މެދުގައި ހުރި ތަފާތުތަކަށް ރިއާޔަތްކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި އައު ފުރުޞަތުގެ ދަށުން، މީގެ ކުރީގެ ސަރުކާރުތަކުގެ ސްކީމްތަކުން ގޯތި ލިބިފައިވާ ފަރާތްތަކަށްވެސް ގޯތި ދޫކޮށްލުމަށްފަހު ފްލެޓަށް ކުރިމަތިލެވޭނެއެވެ. އަދި ޖޮއިންޓްކޮށް ގޯތި ލިބިފައިވާ މީހުންގެ ތެރެއިން އެންމެން އެއްބަސްވެގެން ގޯތި ދޫކޮށްލާނަމަ، ވަކިވަކިން ފްލެޓަށް ހުށަހެޅުމުގެ ފުރުޞަތުވެސް ލިބިގެންދާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ގެންނަ މި ބަދަލުތަކަކީ ރައްޔިތުންގެ އެދުމުގެ މަތިން ގެންނަ ބަދަލުތަކެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް މި ފުރުޞަތުގެ ސަބަބުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. މިހާރު ކުރިއަށްދަނީ މި ސްކީމަށް ކުރިމަތިލުމަށްޓަކައި ޕޯޓަލްއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތެވެ.

