މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވެ، އޭގެ ސަބަބުން މާލީ ގޮތުން ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ރިސޯޓްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށް ހާއްސަކޮށް ތަރައްގީކުރަމުންދާ ތަންތަނާއި، މިހާރު ހިންގަމުންދާ ރިސޯޓްތަކުގެ މެނޭޖްމެންޓަށް އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. މި ދަތިތަކުން އަރައިގަތުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއެކު މަޝްވަރާކޮށް، ބޭންކުތައް މެދުވެރިކޮށް އެކި ކަހަލަ ފެސިލިޓީތައް ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުމެން ބީއެމްއެލްއާ ވާހަކަދައްކައިގެން، ރިސޯޓްތަކުގެ އޮޕަރޭޝަންސްއަށް ދަތިވާ ފަރާތްތަކަށް އެކި ކަހަލަ ފެސިލިޓީތައް ފޯރުކޮށްދޭން ބީއެމްއެލް އިން އޮތީ ތައްޔާރަށް. މިހާރުވެސް އެ މަސައްކަތް ރިސޯޓްތަކާއެކު ކުރެވެމުންދަނީ،” ވަޒީރު ވިދާޅުވިއެވެ. އަދި މިފަދަ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ބޭންކާ ގުޅައިގެން ކުރިއަށް ގެންދިއުމަށްވެސް ވަޒީރު އިރުޝާދު ދެއްވިއެވެ.
މީގެ އިތުރުން، ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި އެއާލައިންތަކުގެ ފްރިކުއެންސީ އިތުރުކުރުމަށާއި، އައު މަންޒިލްތަކުން ފްލައިޓްތައް ގެނައުމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ހާއްސަކޮށް ވިޒިޓް މޯލްޑިވްސް މެދުވެރިކޮށް ޑެސްޓިނޭޝަން މާކެޓިންގެ ވަރުގަދަ ހަރަކާތްތަކެއް މި ހަފްތާގައި ފެށުމަށް ވަނީ ރޭވިފައެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، އިންޑިއާ، އާޝިއާން އަދި ސީއައިއެސްގެ މާކެޓްތަކަށް އަމާޒުކޮށްގެން 200 މިލިއަނަށްވުރެ ގިނަ އިމްޕްރެޝަން ލިބޭނެ ފަދަ ޑިޖިޓަލް ކެމްޕެއިނެއް މި ހަފްތާގައި ފެށޭނެއެވެ. މީގެ ތެރެއިން އިންޑިއާ މާކެޓަށް ހާއްސަ އިސްކަމެއް ދީގެން ކެމްޕެއިންތައް ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި މަސައްކަތްތަކަކީ އޭޕްރިލް މަހުގެ ފަހުކޮޅުން ފެށިގެން ޖުލައި މަހާ ހަމައަށް އޮންނަ ފަތުރުވެރިކަމުގެ “ލޯ ސީޒަން” ގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށް ވަޒީރު ތޯރިގް އިބްރާހީމް ފާހަގަކުރެއްވިއެވެ.

