ގދ. ކާޑެއްދޫ އެއަރޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ. މިއީ ހުވަދޫ އަތޮޅުގެ ތަރައްޤީއަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ކާޑެއްދޫ އެއަރޕޯޓް ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީކުރުމުގެ އިތުރުން، ގދ. ތިނަދޫއާއި ކާޑެއްދޫ ބްރިޖަކުން ގުޅާލުމަށް ވަނީ ނިންމާފައެވެ. މިއީ އެ ސަރަޙައްދުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް މަގުފަހިވެގެންދާނެ ބޮޑު މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.
މި މަސައްކަތް މިހާތަނަށް ލަސްވެފައިވާ ސަބަބާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ދައުލަތުގެ ބަޖެޓުން ޚަރަދުކުރުމުގެ ބަދަލުގައި އިންވެސްޓަރ ފައިނޭންސް މޮޑެލްއަކަށް އެންމެ އެކަށީގެންވާ ގޮތެއް ހޯދުމަށް ވަގުތު ނެގީ ކަމަށެވެ. ނަމަވެސް މިހާރު ޕްލޭނިންގް މަރުހަލާ ނިމުމަކާ ގާތްވެފައިވާ ކަމަށާއި، މިއީ ހުވަދޫ އަތޮޅުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ މުހިންމު ވަޢުދެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުރިން ތިނަދޫގައި އިންޓަނޭޝަނަލް އެއަރޕޯޓެއް އެޅުމަށް ނިންމާފައި އޮތް ނަމަވެސް، ސަރުކާރުން ފަހުން ނިންމެވީ ކާޑެއްދޫ އެއަރޕޯޓް ބޮޑުކޮށް ތިނަދުއާ ގުޅާލުމަށެވެ. މިއީ އެންމެ ފައިދާހުރި ގޮތް ކަމަށް ސަރުކާރުން ދެކެއެވެ.
1993 ވަނަ އަހަރު ހުޅުވި ކާޑެއްދޫ އެއަރޕޯޓަކީ ހުވަދު އަތޮޅުގައި އެންމެ ފުރަތަމަ ހުޅުވި ޑޮމެސްޓިކް އެއަރޕޯޓެވެ. މި އެއަރޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ބަދަލުވެގެން ދިއުމަކީ މުޅި ދެކުނުގެ ފަތުރުވެރިކަމަށްވެސް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.

