ކުނި މެނޭޖު ކުރުމުގެ ޤާނޫނު ތަންފީޒުކުރުން ހަރުދަނާ ކުރުމަށްޓަކައި ތިން ޤަވާއިދެއް އެކުލަވާލައި، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެ ޤަވާއިދުތަކަށް އަމަލުކުރަން ފަށާނެ ކަމަށް މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، މިހާރު ކުރިއަށްދަނީ މި ޤަވާއިދުތައް އެކުލަވާލުމުގެ އެންމެ ފަހުގެ މަރުހަލާތައް ކަމަށެވެ. އަލަށް އެކުލަވާލާ ޤަވާއިދުތަކުގެ ތެރޭގައި ހިމެނެނީ ކުނި މެނޭޖު ކުރުމުގެ އާއްމު ޤަވާއިދާއި، ކުނި މެނޭޖު ކުރުމުގެ ޚިދުމަތް ދިނުމުގެ ޤަވާއިދުގެ އިތުރުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ކުންޏާ ގުޅޭ ޤަވާއިދެވެ. މި ޤަވާއިދުތައް އެކުލަވާލުމުގައި ކަމާގުޅޭ ފަރާތްތަކުގެ ލަފާ ހޯދުމާއި ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން މިހާރު ވަނީ ނިމިފައެވެ.
ކުނި މެނޭޖުކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، ތަކެތި އުފައްދާ ފަރާތްތަކުން އެ ތަކެތި ބޭނުންކޮށް ނިމުމުން އުފެދޭ ކުންޏަށް ޒިންމާވާނެ ގޮތްތަކެއް ކަނޑައެޅުމަށް “އެކްސްޓެންޑެޓް ޕްރޮޑިއުސަރ ރެސްޕޮންސިބިލިޓީ” ގެ ނަމުގައި ވެސް ޤަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ގޮނޑުދޮށްތަކަށާއި އެހެނިހެން އާއްމު ތަންތަނަށް ޖެހިލުމެއް ނެތި ކުނި އަޅާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި ޖޫރިމަނާ ކުރާނެ ކަމަށެވެ. “ބޭނުންވަނީ މި އާއްމު ޤަވާއިދުގެ ދަށުން އަދަބުދޭކަށް ނޫން. ޒިންމާދާރު ކުރުވުން. މިއީ އާއްމު ސާފުތާހިރުކަން އަދި އިޤްތިޞާދާވެސް ގުޅިފަވާ ކަމެއް،” ވަޒީރު ވިދާޅުވިއެވެ.
ކޮންމެ މީހަކީވެސް އުފައްދާ ކުންޏާމެދު ޒިންމާދާރުވާ މީހަކަށް ވާންޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ކުނި މެނޭޖުކުރުމުގެ އުސޫލުތަކަށް އާއްމުން ހޭލުންތެރިކުރުވުމަށާއި، ޒިންމާދާރުކަމާއެކު ކުނި އުކާލުމުގެ އާދަ އަށަގަންނުވަން މިހާތަނަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

